އެމް.އެމް.ޕީ.އާރު.ސީގެ ބޮޑު ޚިޔާނާތް ހިނގިއިރު އެކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޒިޔަތު، އޭނާގެ މައްޗަށް ކުރާ ހުރިހާ ދައުވާއަކަށް އިއުތިރާފުވެފައިވުމާއިއެކު، ޒިޔަތުގެ މައްޗަށް ޙުކުމް ކުރާ ޝަރީޢާތް މާދަމާ ބޭއްވުމަށް ތާވަލްކޮށްފިއެވެ.
ދައުލަތާއެކު އަދަބަށް ލުއިދިނުމުގެ އެއްބަސްވުމެއް ހަދައި، ޒިޔަތު އޭނާގެ މައްޗަށް ކުރާ 32 ދައުވާއަށް އިއުތިރާފުވެފައި ވަނީ އެމައްސަލާގައި ބޭއްވި އެންމެ ފަހު އަޑުއެހުމުގައެވެ. ޒިޔަތު ވަނީ ތަހުޤީޤަށްވެސް އެއްބާރުލުންދީ އިއުތިރާފު ވެފައެވެ. ހުކުމް އިއްވުމުގެ ޝަރީއަތް ބޭއްވުމަށް ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 10:30 ގައި ކްރިމިނަލް ކޯޓުގައެވެ.
ޒިޔަތުގެ މައްޗަށް ދައުލަތުން ކުރާ 32 ދައުވާގެ އަދަބެއްގެ ގޮތުގައި ދައުލަތުގެ ވަކީލުން ކަނޑައަޅާފައިވަނީ 11 އަހަރަށް ޖަލަށްލުމެެވެ. އަދި މިއަދަދާއި މެދު އެއްވެސް އިއުތިރާޒެއް ނެތްކަމަށް ޒިޔަތުގެ ދިފާއީ ވަކީލު ޝަރީޢަތުގެ މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ ޒިޔަތު ޝަރީޢަތަށް އެއްބާރުލުންދީ އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ކުރާ ހުކުމަށް ލުއިދޭން ނިންމާފައިވާކަމަށެވެ.
ޒިޔަތުގެ މައްޗަށް ކުރާ ކޮންމެ ދައުވާއެއްގެ ހުކުމަކީ 7 އަހަރާއި 2 މަހާއި 12 ދުވަސްކަމަށް ވިދާޅުވިއެވެ. އަދި އައު ޤާނޫނުލް ޢުޤޫބާތުގެ 1006 ވަނަ މާއްދާގެ ދަށުން އެއް ދައުވާ އަށް ވުރެ ގިނަ ދައުވާތައް ކުރާނަމަ ދެން ކުރާ ދައުވާގެ ހުކުމަކަށް ވާނީ ފުރަތަމަ ކުރާ ދައުވާގެ ދެބައިކުޅަ އެއްބަޔެވެ. އަދި އޭގެފަހަށް އަންނަ ދައުވާގެ ހުކުމަކީ ފުރަތަމަ ދައުވާގެ ހުކުމުގެ ހަތަރުބައިކުޅަ އެއްބައެވެ. މި އުސޫލުން ޒިޔަތުގެ މައްޗަށް ކުރާ 12 ވަނަ ދައުވާގެ ހުކުމަކީ އެއް ދުވަހުގެ ޖަލު ހުކުމެއްކަމަށް ދައުލަތުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ. އަދި ބާކީ 20 ދައުވާއަށް މި މާއްދާގެ ދަށުން ހުކުމެއް ނާންނާނެކަމަށްވެސް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ފައިސާތަކަށް ޚިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް ޒިޔަތު ގެންދަނީ ތަންފީޒުކުރަމުންނެވެ. ޒިޔަތުގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތްތައް ހިނގަމުންދާއިރު އޭނާ މިހާރު ހުރީ ޖަލު ބަންދުން ގޭބަންދަށް ބަދަލުކޮށްފައެވެ.