ވިޔަފާރި

މިދިޔަމަހު ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ނިސްބަތް %66 އިތުރުވެފައިވޭ


މިދިޔަމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން އަދަދު %66 އިތުރުވެފައިވާކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އޮކްޓޯބަރު މަހާއި އަޅާ ބަލާއިރު ނޮވެމްބަރު މަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ %66 އިތުރުވެފައެވެ. އެގޮތުން ނޮވެމްބަރު މަހު 35759 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަމަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އެމަހުގެ 29 ވަނަ ދުވަހުއެވެ. އެދުވަހު 2299 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ އޭގެ ކުރީގެ މަހާއި އަޅައި ބަލާއިރު ބޮޑު ތަނުން އިތުރު އަދަދެކެވެ.

ޓުއަރިޒަމް މިނިސްޓްރީން މިހާރު މަސައްކަތްކުރަމުންދަނީ މިއަހަރު ނިމުމުގެ ކުރިން 500،000 ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. އަދި ބޯޑަރު ހުޅުވި ތާރީހުގެ ފަހުން 100،000 ފަތުރުވެރިން ގެނައުމަށް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންވެ. މި އަމާޒު މި ޑިސެމްބަރު ހާސިލުވާނެ ކަމުގެ ޔަޤީންކަން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ދެއްވާފައެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދާއްކާގޮތުން މިދިޔަ މަހު ރާއްޖެ އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ، ރަޝިޔާއިންނެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް ރަޝީއާގެ 8581 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. ރަޝިޔާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައި މިވަނީ އެޤައުމުގެ 3 އެއާލައިން ރާއްޖެ އަންނަން ފަށާފައިވާ ދަނޑިވަޅެއްގެވެ.

ދެވަނަ އަށް އެންމެ ގިނަ މީހުން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެއީ 7610 ފަތުރުވެރިިންނެވެ. އިންޑިއާއިން އަންނަ ފަތުރުވެރިންގެ ނިސްބަތުން އިތުރުވެފައި މިވަނީ ރާއްޖެ އާއި އިންޑިއާ ދެމެދު ޓްރެވެލް ބަބްލް އެއް ޤާޢިމު ކުރެވިފައި ވަނިކޮށެވެ.

މިދިޔަ މަހު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ އެމެރިކާއިންނެވެ. އެޤައުމުގެ 2093 ފަތުރުވެރިން މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، މަހުން މަހަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މީގެ އިތުރުން ރާޢްޖެއާއި އެހެން ޤައުމުތަކާއި ގުޅާލެވޭ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ. އަދި މިހާރު ދުވާލެއްގެ މައްޗަށް ހާހަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.