ވިޔަފާރި

ތުތި ބޯވަދިލަމަހުގެ މަސްވެރިކަންކުރުމަށް ލައިސަންސް ދޫކުރާނީ ގިނަވެގެން 30 އުޅަނދަކަށް


ތުތި ބޯވަދިލަމަހުގެ މަސްވެރިކަންކުރުމުށް ލައިސަންސް ދޫކުރާނީ ގިނަވެގެން 30 އުޅަނދަކަށްކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މިމަހުގެ ތިންވަނަދުވަހު ގެޒެޓުކޮށްފައިވާ ދިވެހިރާއްޖޭގެ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގައެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަކީ 2018 ވަނަ އަހަރު ރާއްޖޭގައި ތަޢާރަފު ކުރެވިފައިވާ މަސްވެރިކަމެކެވެ. މި މަސްވެރިކަމުގައި މިހާރު ގާތްގަނޑަކަށް 15 ވަރަކަށް އުޅަނދު ހަރަކާތްތެރިވަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގައިވާ ގޮތުން ވަކި އަދަދަކަށް ލައިސަންސް ދޫކުރަނީ މި މަސްވެރިކަމަކީ ސައިންޓިފިކް ދިރާސާތަކުގެ އަލީގައި ހޯދައިފައިވާ ފުރިހަމަ މަޢުލޫމާތު ނެތް ހާލަތުގައި ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ހަމަތަކުގެ ތެރެއިން ބެލެހެއްޓުމަށްޓަކައެވެ. މީގެއިތުރުން ފިޔަވަޅެއް ނާޅައި ދޫކޮށްލުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ރިޢާޔަތްކޮށް، ތުތި ބޯވަދިލަމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީވެސް މުހިއްމުކަމެއްކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

މިކަމަށް ވަކި ޙާއްސަ ލައިސެންސެއް ދޫކުރުމުން ހަރުދަނާ ގޮތެއްގައި ތުތި ބޯވަދިލަމަހުގެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރީގެ ހަރަކާތްތައް މޮނިޓަރކޮށް ބެލެހެއްޓޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ދެކެއެެވެ. އެގޮތުން ވިޔަފާރި ބޭނުމަށް ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރު ލައިސަންސް ދޫކުރުމުގެ އިތުރުން ތުތި ބޯވަދިލަމަސް ޕްރޮސެސްކުރާ ފަރާތްތަކުންވެސް ލައިސަންސް ނަގަންޖެހޭކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމުގައި ލައިސަންސްކުރުމުގެ ނިޒާމެއް ޤާއިމުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އިޤުތިޞާދީގޮތުން މަސްވެރިކަމުގެ ވަސީލަތްތަކަށް ބަރޯސާވާ ފަރާތްތައް ދެނެގަތުމާއި، މަސްވެރިކަމުގެ ތަފާސް ހިސާބު އެއްކޮށް، ބެލެހެއްޓުންކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިކަމުގެ ޞިނާޢަތް ތަރައްޤީކުރުމަށާއި މަސްވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ހޯދުމަށްވެސް މިނިސްޓްރީއަށް ފަސޭހަވެގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގައިވާ ގޮތުން ލައިސަންސަށް އެދުމާއި، ދޫކުރުމާއި، އައުކުރުމާއި އަދި ބާޠިލުކުރުމުގައި ޢަމަލުކުރާނެ ގޮތާއި، ލައިސަންސްގެ މުއްދަތާއި ފީ އަދި ލައިސަންސް ލިބިފައިވާ ފަރާތްތަކުން ޢަމަލުކުރަންޖެހޭނެ ގޮތާއި، ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ މައުލޫމާތުތައް ފިޝަރީޒް އެމިނިސްޓްރީ ނެރޭ ގަވާއިދުގައި ހިމެނޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ދިރާސާއަށް ބަލައި، ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ވިޔަފާރި ތަޢާރުފުކުރުމުގެ ގޮތުން 2019 ވަނަ އަހަރު މިނިސްޓްރީގެ ފަރާތުން އަޖުމަ ބެލުމުގެ މަޝްރޫޢެއް ވަނީ ތަޢާރަފްކޮށްފައެވެ. އެގޮތުން ތުތި ބޯވަދިލަ މަހުގެ މަސްވެރިކަން ކުރުމަށް ބާރުއެޅުމުގެ ގޮތުން އެ މަސްވެރިކަން ކުރުމުގައި ބޭނުންކުރާ އާލާތްތައް ހިމެނޭ 10 ސެޓު ވިއްކުމަށް މިނިސްޓްރީގެ ފަރާތުން ހުޅުވާލިއެވެ. އަދި އެ ތަކެތި ގަނެފައިވާ ފަރާތްތަކަށް އެ މަސްވެރިކަމާ ގުޅޭ މަޢުލޫމާތާއި އާލާތްތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމްތައް މިނިސްޓްރީގެ ފަރާތުން ހިންގާފައިވެއެވެ.