ސިޔާސީ

ރިޔާސީ ލޯންޗުގެ ތަހްގީގް ވަރަށް ފުރިހަމައަށް ކުރާނެ - ތަރުޖަމާނު


ރިޔާސީ ލޯންޗު ކޮޅުގައި އެއްޗެއް ގޮވައިގެން ހިނގި ނުރައްކާތެރި ހާދިސާ ދައްކުވައިދޭ ކުރިން ޢާންމުކޮށްފައި ނުވާ ވީޑިއޯ ކްލިޕެއް ޢާންމު ކޮށްފިއެވެ. މިވީޑިއޯ ޢާންމުކުރީ މިރޭ މެންދަމު 12:50 އެހާކަންހާއިރު ރައީސް އޮފީހުގައި ބޭއްވި ކުއްލި ޕްރެސް ކޮންފްރަންސް އެއްގައެވެ. މިވީޑިއޯ ކްލިޕުން ފެންނަނީ، ހައްޖުގެ މަތިވެރި އަޅުކަމަށްފަހު ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވި ލޯންޗްކޮޅު އިއްޒުއްދީން ފާލަމަށް ގާތްކުރަމުން ދަނިކޮށް ލޯންޗުކޮޅުގެ ފަހަތުކޮޅުން އެއްޗެއް ގޮވި މަންޒަރެވެ. އެވަގުތު އެއްޗެއް ގޮވި އަޑުފައްގަނޑު އިވިގެންދެއެވެ. އަދި، އަލިފާނުގެ އަސަރު ފެނިގެން ދިއުމުގެ އިތުރުން ލޯންޗުގެ ފަހަތު ދޮރު ނެއްޓިގެން ދާމަންޒަރު ފެނިގެންދެއެވެ. މިޕްރެސް ކޮންފްރަންސްގައި، ވާހަކަފުޅު ދައްކަވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ޢަލީ ވިދާޅުވީ، މިޕްރެސް ކޮންފްރަންސް މިބާއްވަނީ، މި ހާދިސާ ވީހާވެސް ފުރިހަމައަށް ތަހްގީގު ކުރުމަށްޓަކާ އުފައްދަވާފައިވާ ނެޝަނަލް އިންކުއާރީ ކޮމިޝަންގެ ފަރާތުން ހިއްސާކޮށްލަން ބޭނުންވާ ބައެއް މަޢުލޫމާތު ހިއްސާކޮށްލުމަށްޓަކާކަމަށެވެ. އޭނާ ވިދާޅުވީ، ހާއްސަ އަހަންމިއްޔަތެއް ދެއްވައިގެން ވީ އެންމެ ފުރިހަމައަކަށް މިކަން ހިނގައިދިޔަގޮތުގެ ތަހްގީގެއް ކުރެވޭނެކަމަށެވެ. އަދި، ރައްޔިތުންނަށް ދެވެން ހުރި މަޢުލޫމާތު ވީވަރަކުން ހިއްސާކުރައްވަމުން ގެންދަވާނެކަމަށް މުއާޒް ވިދާޅުވިއެވެ. ސެޕްޓެމްބަރ މަހުގެ 28 ގައި ހިނގި މިހާދިސާގައި ރައީސް ޔާމީން އަށް ގެއްލުމެއް ލިބިވަޑައިގެންފައި ނުވިނަމަވެސް، އެމަނިކުފާނުގެ އަނބިކަނބަލުންނަށް ލިބިވަޑައިގެންނެވި އަނިޔާއަށް އައިޖީއެމްއެޗްގައި ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ. މިހާދިސާގައި އަނިޔާވެގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ އާއި ބޮޑީގާޑެއްވެސް އެޑްމިޓްކުރިއިރު، މީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އަނޑަރ ސެކެޓްރީ ފާޠިމަތު މުހައްމަދު ޞާލިޙްގެ ފަޔަށް މިހާދިސާގައި ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ.