ޚަބަރު

ޠޫފާން ބުރެވި - ބާރު ދަށްވިނަމަވެސް މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ

ޠޫފާން "ބުރެވި"ގެ ބާރު ދަށްވިނަމަވެސް، ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް ވައިގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ސްރިލަންކާގެ ގަލްފު އޮފް މަންނާރު ސަރަޙައްދުގައި ހުރި ބާރުގަދަ ކޮޅިގަނޑުގެ ދުވެލި މަޑުވެ، މަޑުމަޑުން ބާރު ދަށްވާން ފަށާފައިވާކަމަށެވެ. ހއ. ކެލާއިން ފެށިގެން ގާތްގަނޑަކަށް 642 ކިލޯމީޓަރު ދުރުގައިވާ މިކޮޅިގަނޑު މިހާރު ދަތުރުކުރަމުން ދަނީ އިންޑިއާގެ ތޫތުކުޑި ހިމެނޭ ސަރަޙައްދާ ދިމާލަށެވެ. މީގެ އިތުރުން ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރު ގަދަވަމުން ދިޔަނަމަވެސް، އެ ކޮޅިގަނޑު ދަތުރުކުރަމުންދަނީ ދެކުނު ހުޅަނގު ދެކުނަށް، ރާއްޖެއާއި ދުރަށްކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާ ގުގުރުން އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވެފައިވެއެވެ. ހުޅަނގާއި ހުޅުނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓް ހުންނާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެއްވައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް މ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް ވައިޓް އެލަރޓްވެސް ނެރެފައެވެ. މި އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 9:15 އިން މެންދުރުފަހު 3:00 ޖެހުމާއި ހަމައަށެވެ.