ޚަބަރު

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީވުމުގެ ފުރުޞަތު އެންމެނަށް


މަސްތުވާތަކެއްޗާއި ދެކޮޅަށްކުރާ މަސައްކަތްތަކުގައި މަދަނީ ޖަމިއްޔާތަކާއި ޖަމާތްތަކުގެ އެހީތެރިކަމަށް ނެޝަނަލް ޑްރަގް އެޖެންސީއިން އެދިއްޖެއެވެ. އެ ޖަމްޢިއްޔާއިން ވަނީ އެހީތެރިވާން ބޭނުންވާ ޖަމްޢިއްޔާ ޖަމާއަތްތަކަށާއި ކޮމިއުނިޓީ މެންބަރުންނަށް އެ ފުރުޞަތު މިހާރު ހުޅުވާލާފައެވެ.

އެންޑީއޭއިން ވަނީ މަސްތުވާތަކެއްޗަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހެމުންދާ މީހުން ކުރީކޮޅުގައި ދެނެގަތުމާއި، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ދޭ ފަރުވާ ފޯރުކޮށްދިނުމުގައި ޖަމްޢިއްޔާތަކުގެ އެހީތެރިކަން ބޭނުންވާކަން ހާމަކޮށްފައެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމެއް ނެތި މާލެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅެމުންދާ މީހުންނަށް ބޭނުންވާ އިޖުތިމާޢީ ޚިދުމަތްތަކާއި، ރައްކާތެރިކަމާއި، އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި، ޖެންޑަރ މިނިސްޓްރީއިން ފަށާފައިވާ މަސައްކަތުގައި އެހީވުމަށް އެންޑީއޭއިން ކުރިއަށްގެންދަން ނިންމާފައިވާ ޑިޓޮކްސް ކޭމްޕުގެ މަސައްކަތުގައި އެހީވުމަށް ކޮމިއުނިޓީ މެންބަރުން ހޯދުމަށްވެސް އެ އެޖެންސީން ވަނީ އިޢުލާންކޮށްފައެވެ.

އެންޑީއޭއާއި ގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާ ޖަމްޢިއްޔާ ޖަމާތްތަކާއި، އަދި ކޮމިއުނިޓީ މެންބަރުންގެ ގޮތުގައި، މަސައްކަތްކުރުމަށް ޝަޢުގުވެރިވާ ދާއިރާ ބަޔާންކޮށް މިމަހުގެ 10ވަނަ ދުވަހުގެ ކުރިން އެންޑީއޭއަށް އެކަން އެންގުމަށްވެސް އެ އެޖެންސީން ވަނީ އެދިފައެވެ.

މާލޭގައި މަގުމަތިވެފައިވާ މީހުންނަށް އެހީވުމަށް ޖެންޑަރ މިނިސްޓްރީއިން ފަށާފައިވާ މަސައްކަތުގައިވަނީ ހާލުގައި ޖެހިގެން ދަޢުލަތުގެ ބެލުމުގެދަށަށް ގެންދާ މީހުންގެ ޙާލަތު ވަޒަންކޮށް، އޭގެތެރެއިން ޑިޓޮކްސިފިކޭޝަން ފަރުވާއަށް ބޭނުންވާ މީހުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެންޑީއޭއިން ހިންގަމުންދާ ޑިޓޮކްސް ކޭމްޕްގައި ބައިތިއްބައިގެން ފަރުވާދެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.