ވިޔަފާރި

މެދުކަނޑާލާފައި އޮތް ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ


އިނގިރޭސިވިލާތް ލޮކްޑައުންކޮށްފައި އޮތުމުގެ ސަބަބުން ބްރިޓިޝް އެއަރވޭސްއިން މެދުކަނޑާލާފައިއޮތް ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ބްރިޓިޝް އެއަރވޭސްއިން އަލުން ރާއްޖެއަށް ދަތުރު ފަށާނެކަމަށެވެ.

ކޯވިޑް19 އަށްފަހު ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށާފައިވަނީ އޮކްޓޯބަރުމަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް އެ ޤައުމުގެ ލޮކްޑައުން ކުރުމުގެ ސަބަބުން ދަތުރުތައް ވަނީ މެދުކަނޑާލަން ޖެހިފައެވެ. ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ކުރަނީ ލަންޑަންގެ ހީތްރޯ އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

ކޯވިޑް19 ގެ ފަހުން ރާއްޖެއަށް ދަތުރުތައް ފެށިއިރު އެ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ބާއްވާފައިވަނީ ހަފްތާގެ 3 ދުވަހުއެވެ. ނަމަވެސް މިމަހުގެ 5 ވަނަ ދުވަހުން އަލުން ދަތުރުތައް ފަށާއިރު ކޮންމެ ދުވަހަކު ދަތުރުތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ބްރިޓިޝް އެއާވޭސް އިން ރާއްޖެ އަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ. އެ އެއަރލައިންއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އެއަރލައިނެކެވެ.

އޮކްޓޫބަރުމަހުގެ 17 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތް 2 ވަނަ ފަހަރަށް ލޮކްޑައުންކުރުމާ ހަމައަށް ބްރިޓިޝް އެއަރވޭސްއިން ރާއްޖެއާއި ލަންޑަންއާ ދެމެދު ވަނީ 20 ދަތުރު ކޮށްފައެވެ. އަދި މި ދަތުރުތަކުގައި ރާއްޖެއަށް 1232 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.