ޚަބަރު

"ބުރެވި" ބާރުދަށްވެ ކޮޅިގަނޑަކަށް، ރާއްޖެއަށް ވިއްސާރަކޮށް ވައިގަދަވާނެ


ސްރީލަންކާ ސަރަޙައްދުގައި އުފެދިފައިވާ ޠޫފާން ބުރެވި ބާރު ދަށްވެ ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން ވިދާޅުވީ މި ކޮޅިގަނޑު މިހާރު ދަތުރުކުރަމުން އަންނަނީ އިންޑިޔާގެ ކަންޔާ ކުމާރީގެ އިރު އުތުރުން 200 ކިލޯމީޓަރު ދުރުންކަމަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ބުރެވި ޠޫފާންގެ ބާރު ދަށްވި ނަމަވެސް ރާއްޖެ ސަރަހައްދުގައި މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށެވެ.

މިގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

ރާއްޖޭގެ ކަނޑުތައް އާއްމުކޮށް ގަދަވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 7 ފޫޓާއި ދެމުދުގައިކަމަށްވެސް މެޓް އޮފީހުން ހާމަކުރައްވައެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށްވެސް ޤައުމީ މޫސުމާއި ބެހޭ އިދާރާއިން އިލްތިމާސްކުރައްވައެވެ.