ޚަބަރު

"ބަލިމީހާގެ އިސްތައްޓާއި އަންނައުނުފަދަ ތަކެތި ހޯދަން ބުނުމަކީ ރުޤްޔާއެއް ނޫން، ސިޙުރު"


ކެހިވެރި މަކަރުވެރި ރޭވުންތަކުގެ ތެރެއިން ހަވާނަފްސުގެ އެދުންތައް ފުއްދާ ވަޞީލަތަކަށް ރުޤުޔާ ހަދައިގެން ނުވާނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

ޚުޠުބާގައި ވިދާޅުވީ ރުޤުޔާއަކީ ރޫޙާނީ ގޮތުން ކުރިމަތިވާ އުނދަގޫތަކަށް ޝަރުޢީގޮތުން ހުއްދަކުރައްވާފައިވާ ފަރުވާއެއްކަމަށެވެ. އަދި އޭގެބޭނުން ކުރަންޖެހޭނީ އެކަމުގެ ޙުކުމް ދަންނަ އަމާނާތްތެރިއެއް ކަމަށްވެސް ހުކުރު ޚުޠުބާގައިވަނީ ބަޔާންކޮށްދެއްވާފައެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލައްވާފައިވަނީ މިހާރަކަށް އައިސް ޢާއްމުވަމުން އަންނަ ދީނީ އަދި އިޖުތިމާޢީ މައްސަލައަކަށެވެ. ރޫޙާނީ އެކި މައްސަލަތައް ކުރިމަތިވާ އަންހެނުންނަށް އެފަދަ ކަންކަމުން ސަލާމަތްކުރުމުގެ ގޮތުން ރުޤުޔާގެ ނަމުގައި ކުރަމުންދާ އަނިޔާ ހުއްޓާލުމަށް ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ. އެކަމުގެ ނުބައިކަމާއި އެކަމުން އަންހެނުންނާއި އަންހެންދަރިން ސަލާމަތްކުރުމަށްވެސް ވަނީ ގޮވާލައްވާފައެވެ. އަދި އިސްލާމީ ޝަރީޢަތުން ހުއްދަކުރާ ކަމެއްގެ ނާޖާއިޒު ފައިދާ ބަޔަކު ނަގާ އިސްލާމްދީނުގެ ނަން ކިލަނބުކުރާ މީހުން ހުއްޓުވާ މިކަމަށް ފިޔަވަޅު އެޅުމަށް ޚުޠުބާގައިވަނީ ކަމާބެހޭ ފަރާތްތަކަށްވެސް އިލްތިމާސްކުރައްވާފައެވެ.

ޚުޠުބާގައިވަނީ ޝަރުޢީ ހަމަތަކުން ހުއްދަކުރާ ރުޤުޔާއާއި ދީނުގައި ޙަރާމްކުރައްވާފައިވާ ސިޙުރު ދެނެގަންނާނެ ގޮތްވެސް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ސިހުރުހާހޫރާއި ހަސަދައާއި އެސްފީނާގެ ޝިކާރައަކަށްވާ މީހުންނަށް ޜުޤުޔާ ކުރުމަކީ ޢިލްމު ލިބިފައިވާ މީހަކު ލައްވައި ކުރުވަންޖެހޭ ކަމެއްކަމަށްވަނީ ބަޔާންކޮށްދެއްވާފައެވެ. އަދި އެމީހަކު އެކަން ކުރަންޖެހެނީ ދުނިޔަވީ އެއްވެސް އެދުމެއްނެތި އިންސާނިޔަތަށް ކަމަށާ ރުޤުޔާކުރާ މީހާއަކީ އަމާނާތްތެރިއަކަށް ވާންޖެހޭނެކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. މިއާ ޚިލާފަށް ޝަރީޢަތާ ބީރައްޓެހި ބަޔަކު ދުނިޔަވި މަންފާތަކެއް ޙާސިލުކުރަން މީހުންނަށް އޮޅުވާލައިގެން ކުރާ ކަމަކަށް މިހާރު ރުޤުޔާވެއްޖެކަން ޚުޠުބާގައިވަނީ ފާހަގަކުރައްވާފައެވެ.

ޚުޠުބާގައި ވިދާޅުވީ ހަށިގަނޑުން ޖިންނި ނެރުމަށްކަމަށާއި ސިހުރު ބާތިލްކުރުމުގެ ނަމުގައި މަޙްރަމަކާ ނުލާ އަންހެނާ އެކަހެރިކޮށް އޭނާގެ ހަށިގަނޑުން ބައެއް ދެއްކުމާއި މަޙްރަމެއް ނޫން މީހަކު އޭނާގެ ހަށިގަނޑުގައި ހުރަހަކާ ނުލާ އަތްލުމާއި އޭނާގެ ޙިޖާބު ނެގުމަކީ އެއްވެސް ގޮތަކަށް އިސްލާމްދީނުގައި ހުއްދަކަމެއް ނޫންކަމަށެވެ.

އެހެންނަމަވެސް ބައެއް މީހުން ރުޤުޔާގެ ނަމުގައި ޖިންނީންނާއި ވަލީވެރިންގެ ކިބައިން މަދަދަށް އެދޭކަމަށާ، ބަލިމީހާގެ މަންމަގެ ނަމާއި ބަލިމީހާގެ ފުނާ، ނުވަތަ އިސްތައްޓާއި އަންނައުނު ފަދަ ތަކެތި ހޯދާކަމަށާ، އެއީ އެއްވެސް ޙާލެއްގައި ރުޤުޔާ ނޫންކަމުގައި ޚުޠުބާގައި ބަޔާންކޮށްދެއްވިއެވެ. މިއީ ސިޙުރުވެރިން ކުރާ ކަންކަމުގެގޮތުގައި ޢިލްމުވެރިން ބަޔާން ކުރައްވައެވެ.

މީގެ އިތުރުންވެސް ފާލުބެލުމާއި އިރުވަރު ބެލުމާއި އަކަ ކުރެހުމާއި ކީރިތި ޤުރުއާނުގެ އާޔަތްތަކާއި މާތްﷲގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ނުބައިކޮށް ލިޔުމާއި އެކަލާނގެ އިސްމުފުޅު ނަންގަތުމެއްނެތި ޖަނަވާރާއި ދޫނިފަދަ ތަކެތި ކަތިލަން ބުނުމަކީ ޙަރާމްކަމެއްކަމަށާއި އެކަންކަމަށް ސަމާލުވުމަށްވަނީ ހުކުރު ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.

ދިރިއުޅުމުގައި ދިމާވާ ހުރިހާ ދަތިކަމަކަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ މާތްﷲއަށް އިތުބާރުކޮށް ކެތްތެރިވުންކަމުގައި ޚުޠުބާގައިވަނީ ހަނދާންކޮށްދެއްވާފައެވެ. އެހެންކަމުން ހަޤީޤތް ނޭނގޭ މީހުންގެ ފަރާތުން އެހީއަށް އެދުމުގެ ބަދަލުގައި ދީނުގައި އަންގަވާފައިވާ ގޮތް ދެނެގަނެ އެކަމުގެ ޢިލްމާއި މަޢުލޫމާތު ހޯދާ ދެނެގަތުމަށް ޚުޠުބާގައިވަނީ ނަސޭޙަތްތެރިވެފައެވެ.