ވިޔަފާރި

އެއަރ ސީޝެލްސްއިން މާދަމާ ރާއްޖެއަށް ދަތުރުތައް ފަށަނީ


އެއަރ ސީޝެލްސްގެ ދަތުރުތައް މާދަމާ ރާއްޖެއަށް ފަށަން ތައްޔާރުވެއްޖެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނީ އެއަރ ސީޝެލްސްގެ ދަތުރުތައް ޑިސެމްބަރުމަހުގެ 5 ވަނަ ދުވަހު ރާއްޖެއަށް ފަށްޓާނެކަމަށެވެ.

އެއަރ ސީޝެލްސްގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ސައުތު އެފްރިކާގެ ޖޮހެނަސްބާރގްއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. މިހާރު ޝެޑިއުލްކޮށްފައިވާ ގޮތުން އެ އެއަރލައިނުން ކޮންމެ ހޮނިހިރުދުވަހެއްގައި ރާއްޖެއަށް އެއް ދަތުރުކުރާނެއެވެ.

ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް ދަތުރުތައް ފެށި އެއަރލައިންގެ އަދަދު ވަނީ 18 އަށް އަރާފައެވެ. އެއަރ ސީޝެލްސްއިން ދަތުރުތައް ފެށުމާއިއެކު މިއަދަދު 19 އަށް އިތުރުވެގެންދާނެއެވެ.

މިމަހުގެ ތެރޭގައި އިތުރު 8 އެއަރލައިންއަކުން ދަތުރުފަށާނެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެތެރޭގައި ހިމެނެނީ އަލިޓާލިއާ، ނޯޑްވިންޑް، އެއަރ ފްރާންސް، ޔޫކްރެއިން އިންޓަނޭޝަނަލް އެއަރލައިން، ނިއޮސްޕާ، ގަލްފް އެއަރ، ރޮސިއްޔާ އެއަރލައިން އަދި އެއަރ އެސްޓާނާ އެވެ.