ދިވެހި ރުފިޔާ ނޫޓްގެ ޑިޒައިން ބަދަލުކޮށް ޕޮލިމާއަށް ބަދަލުކުރެވިގެން ދިއުމަކީ ދިވެހި ރުފިޔާގެ ވަގު ނޫޓް ނުޖެހޭނެކަމުގެ ޔަގީންކަން ލިބިގެންދާ ކަމެއް ކަމަށް މަރުކަޒީ ބޭންކް، އެމް.އެމް.އޭގެ ގަވަރނަރ ޑރ. އަޒީމާ އާދަމް ވިދާޅުވެއްޖެއެވެ. މިއަދު ރާއްޖޭގައި ފެށި ރީޖަނަލް ކަރަންސީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރަންދިހަފަހެއް ނޫޓް ސީރީޒް ޗާޕްކުރި ޑިލާރޫ ކުންފުނިންވެސްވަނީ އަލަށްނެރޭ ނޫޓްތަކުގެ ވަގުނޫޓްޖެހުމަކީ ވާނެކަމެއް ނޫންކަން ޔަގީންކޮށްދެއްވާފައެވެ.އިނގިރޭސި ވިލާތުގެ ޑިލާރޫ ކުންފުނިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭ އާ ގުޅިގެން މިއަދު ރާއްޖޭގައި ފެށި ރީޖަނަލް ކަރަންސީ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގަވަރނަރ ވިދާޅުވީ، އަލަށް ނެރޭ ރަންދިހަފަހެއް ނޫޓް ސީރީޒް އަކީ ސެކިއުރިޓީ ފީޗާސް ވަރަށް ވަރުގަދަ ކޮށް ތައްޔާރު ކުރެވިފައިވާ ނޫޓްތަކެއްކަމަށާއި، ޕޮލިމާގައި ޗާޕްކުރެވޭ ނޫޓު ތަކުގެ ވަގުނޫޓް ނުޖެހޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އަދި ހަމައެއަރއެކު މަރުކަޒީ ބޭންކް، އެމް.އެމް.އޭ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރަންދިހަ ފަހެއް ނޫޓް ސީރީޒް ނެރުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރައްޔިތުން އާ ނޫޓް ސީރީޒްއަށް ހޭލުންތެރި ކުރުވުން ކަމަށް އަޒީމާ ވިދާޅުވިއެވެ.ރާއްޖޭގައި އާ ނޫޓް ސީރީޒް އިފްތިތާހް ކުރަން ގާތްވެފައިވަނިކޮށް ޑިލާރޫ ކުންފުނިން ސަރަހައްދީ ގައުމުތަކަށް ހުޅުވާލައިގެން ފައިސާއާއި ބެހޭ މިފަދަ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމަކީ ކޮންފަރެންސްގެ ސަބަބުން ރާއްޖޭގެ މަންދޫބުންނަށްވެސް އެކަށީގެންވާ މައުލޫމާތު ލިބިގެން ދާނެކަމަށް ގަވަރނަވިދާޅުވިއެވެ.މިކޮންފަރެންސް ޝަރަފްވެރިކޮށްދެއްވީ ސްރީލަންކާގެ ގަވަރނަރ އަރްޖަނާ މަހެންދްރަން އެވެ. މިރަސްމިއްޔާތުގައި ސްރީލަންކާގެ ގަވަރނަރ ވަނީ އިގްތިސާދީ ގޮތުން ރާއްޖެ ހޯދާފައިވާ ކުރިއެރުން ފާހަގަކޮށް ވާހަކަފުޅުދައްކަވާފައެވެ.36 ވަނަ ރީޖަނަލް ކަރަންސީ ކޮންފަރެންސާ ގުޅޭ ގޮތުން ޑިލާރޫ ކުންފުނީގެ ޖެނަރަލް މެނޭޖަރ މާކް ފިލަރ ބުނީ، ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިގެންދާނީ ބޭންކް ނޫޓްގެ ސެކިއުރިޓީ ފީޗަރސް ތަކާއި، ކޭޝް ހޭންޑްލިން ފަދަކަންކަމުގެ މައްޗަށްކަމަށެވެ.ދެ ދުވަހުގެ މުއްދަތަށް ޕެރަޑައިސް އައިލެންޑް ރިޒޯޓްގައި ކުރިއަށްދާ މިކޮންފަރެންސްގައި މިސަރަހައްދުގެ ދިހަ ގައުމެއްގެ މަރުކަޒީ ބޭންކުތަކުން ނަވާވީސް މަންދޫބުން ބައިވެރިވެއެވެ.