ޚަބަރު

މިއަހަރުގެ ކާމިޔާބީއަކީ ކޯވިޑް-19އާއެކު ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދެވުން - އެޑިއުކޭޝަން މިނިސްޓްރީ


ތަޢުލީމީ ދާއިރާއިން މިއަހަރު ޙާސިލުކުރެވުނު އެންމެ ބޮޑު ކާމިޔާބީއަކީ ކޯވިޑް-19އާއެކު ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދެވުންކަމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އާތިޔާ ނަސީރު ވިދާޅުވެއްޖެއެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ގިނަ ދަތިތަކެއް ކުރިމަތިވިނަނަމަވެސް 2020ވަނަ އަހަރުގެ ދިރާސީއަހަރަކީ ކާމިޔާބު އަހަރެއްކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާތިޔާ ނަސީރު ވިދާޅުވީ މިއަހަރަކީ ހުރިހާ ދާއިރާއަކަށްވެސް ގޮންޖެހުން ބޮޑު އަހަރެއްކަމަށެވެ. އެގޮތުން ޙާސިލުކުރުމަށް ކަނޑައެޅި އެތައް ލަނޑުދަނޑިއަކަށް ވާސިލުނުވެ ދިޔައިރު ކޯވިޑް-19އާ ގުޅިގެން ބައެއް ދާއިރާތަކުން މަސައްކަތްތައް އެއްކޮށް ހުއްޓާލަންޖެހުނުކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެތައް ދަތިތަކާއެކުގައިވެސް ތަޢުލީމީ ދާއިރާގެ މަސައްކަތްތައް ހުއްޓާނުލާ ހުރިހާ ދަރިވަރުންނަށް ތަޢުލީމު މެދުނުކެނޑި ފޯރުކޮށްދެއްވުމަކީ މިއަހަރު ޙާސިލުކުރެވުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސްޓޭޓް މިނިސްޓަރ އާތިޔާ ނަސީރު ވިދާޅުވިއެވެ. ހަމައެއާއެކު އޭޝިއާގެ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގައި މިއަހަރު ތަޢުލީމު ކުރިއަށްގެންދިޔަގޮތް ނިސްބަތުން ރަނގަޅުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ ދުނިޔޭގެ ބޮޑެތި ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މިއަހަރު %100 ހުރިހައި ކުދިންނަށް ރީޗްވުމުގަ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފަވަނީ. ދުނިޔެ ޕެންޑަމިކަކަށް ދިޔަނަމަވެސް ތަޢުލީމަކީ ކޮންމެ ކުއްޖެއްގެ އަސާސީ ޙައްގެއް. އަޅުގަނޑުމެންގެ އަމާޒަކަށްވީ އެއްވެސް ކުއްޖަކު އެއްވެސް ޙާލެއްގައި ތަޢުލީމުން މަހުރޫމު ނުކުރުން. މިއަހަރު ހޯދުނު އެންމެބޮޑު ކާމިޔާބީއަކީ މެދުނުކެނޑި ކިޔެވުން ކުރިއަށްގެންދެވުން." އާތިޔާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި އެތައް ދަތިތަކާއެކުވެސް ކުދިންނާއި ބެލެނިވެރިންނާއި ޓީޗަރުން އަދި ތަޢުލީމީ ދާއިރާގެ ހުރިހާ ފަރާތެއް ގުޅިގެން ކުރި ބުރަމަސައްކަތާއި ކުރި ހިތްވަރަށް އެޑިއުކޭޝަން މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ. މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަހަރުން ދަސްވި ފިލާވަޅަކީ ކޮންމެ ކަމެއްވެސް ކާމިޔާބުކުރުމަށް ފަށައިގަންނަންޖެހޭކަންކަމަށެވެ.

ޑިސެމްބަރުމަހުގެ 3ވަނަ ދުވަހު މިއަހަރުގެ ދިރާސީއަހަރުގެ ކިޔެވުން ނިންމާލިއިރު މިއަހަރުވެފައިވަނީ ފާއިތުވި ޤަރުނުތަކުގެ ތެރޭގައިވެސް ތަޢުލީމީ ދާއިރާއަށް މުޅި ދުނިޔޭގައިވެސް އިންޤިލާބީ އަހަރެކެވެ. ސަބަބަކީ ކޯވިޑް-19 ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔޭގެ ހިންގުންވަނީ ހުއްޓުމަކަށް ގެނުވާފައެވެ. މިއަހަރަކީ ހުރިހާ ޤައުމެއްގައިވެސް ސްކޫލްތައް ބަންދުކޮށް ކުދިންގޭގައި ބަންދުވެގެން އެތައް މަހެއްވަންދެން ތިބެންޖެހުނު އަހަރެކެވެ. އެހެންނަމަވެސް ޓެކްނޮލިޖީގެ އެކި ވަޞީލަތްތައް ބޭނުންކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ މަސައްކަތްވަނީ ކޮށްފައެވެ.

މިމަސައްކަތުގައި ދިމާވި އެންމެ ބޮޑު ދައްޗަކީ އެކަށީގެންވާ އިންތަރނެޓްގެ ފުރުސަތާއި ޓެކްނޮލޮޖީގެ ވަޞީލަތްތަކަށް ބައެއް މީހުން އަހުލުވެރިވުމުގައި ހުރި ހުރަސްތަކެއްގެ ސަބަބުން ކުރިމަތިވި ކަންކަމެވެ. މިކަންކަން ޙައްލުކޮށް މިއަހަރުވެސް ކުދިންނަށް އަހަރެއް ގެއްލިގެން ނުދާނެފަދަ ގޮތަކަށް އިންތިޒާމުތައް އެޑިއުކޭޝަން މިނިސްޓްރީންވަނީ ހަމަޖައްސަވާފައެވެ.