ޚަބަރު

ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުދަނީ ބާރުގަދަވަމުން، މޫސުން ގޯސްވާނެ!


ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާ، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، "ބުރެވި" ޠޫފާން މިހާރު ސްރީ ލަންކާގެ އިރުމަތީ އައްސޭރި ހުރަސްކޮށް އެ ޤައުމަށް އަރާފައިވާކަމަށެވެ. އަދި މި ޠޫފާން ހުޅަނގުއުތުރަށް ދަތުރުކޮށް، 3 ޑިސެމްބަރުގެ ހެނދުނު ކޮމޮރިން ސަރަޙައްދު ތެރެއަށްދާނެކަމަށް ލަފާކުރެވޭކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުވެސް އިތުރަށް ބާރުގަދަވަމުންދާކަމަށް އެ އޮފީހުން ހާމަކުރައްވާފައިވެއެވެ.

އެހެންކަމުން ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އޮފީހުން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓު ހުންނާނެކަމަށާއި، އުދައިގެ އަސަރުވެސް ބައެއް ސަރަޙައްދުތަކަށް ކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ޠޫފާން "ބުރެވި" އަދި ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން މިމަހުގެ 3 އިން ފެށިގެން ކުރިއަށްއޮތް ހަފްތާ ބަންދާއެއްކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާއިރު، މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކަށް ހުރިހާ ފަރާތްތަކަކުންވެސް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވާފައިވެއެވެ.

އެގޮތުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުމަށާއި، ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމް ފުރިހަމަކަން ޔަޤީންކުރުމަށް އެމް.އެން.ޑީ.އެފުން ވަނީ އިރުޝާދުދީފައެވެ. އަދި ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުމަށާއި، ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.