ތައިރޮއިޑް ގްލޭންޑް ނެގުމުގެ ބޮޑު އޮޕަރޭޝަނެއް ށ.އަތޮޅު ހޮސްޕިޓަލްގައި ކާމިޔާބުކަމާއެކު ކޮށްފިއެވެ.  
މި އޮޕަރޭޝަނަކީ ރާއްޖޭގައިވެސް ވަރަށް މަދުން ކޮށްއުޅޭ އޮޕަރޭޝަނެކެވެ. މިއީ މިފަދަ އޮޕަރޭޝަނެއް މި ހޮސްޕިޓަލުގައި ކުރި ފުރަތަމަ ފަހަރެވެ. ށ. އަތޮޅު ހޮސްޕިޓަލުގައި ކުރެވުނު ތާރީޚީ އޮޕަރޭޝަނާއި ގުޅިގެން ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ވަނީ އެހޮސްޕިޓަލަށް މަރުޙަބާ ވިދާޅުވެފައެވެ. 
ފަހަކަށް އައިސް އަތޮޅުތަކުގެ ގިނަ ހޮސްޕިޓަލުތަކުން އަންނަނީ ފާހަގަކޮށްލެވޭ މިފަދަ ގިނަ އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ކުރަމުންނެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހުގައިވެސް ވަނީ ރާއްޖޭގައި އާއްމުކޮށް ނުކުރާ ކަރުންމަތީގެ އޮޕަރޭޝަނެއް ށ.އަތޮޅު ހޮސްޕިޓަލުގައި ކޮށްފައެވެ. 
ކޯވިޑް-19އާ ގުޅިގެން ދަތުރުފަތުރުކުރުމުގައި ދިމާވި ދަތިތަކާއެކު އަތޮޅުތަކުގެ ހޮސްޕިޓަލުތަކުން ފަރުވާ ހޯދާ މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޚިދުމަތް ހޯދާ މީހުންގެ ޢަދަދު ވަރަށްބޮޑަށް އިތުރުވެފައިވެއެވެ.