މަސްތުވާތަކެއްޗަކީ މިހާގެ ދިރިއުޅުން މުޅިން ހަފުސްކޮށްލައި ބަރުބާދުކޮށްލާ ބޮޑު ނުރައްކަލެކެވެ. މިކަމުގެ ނުރައްކަލުގެ ވާހަކަ އަޅުގަނޑުމެން އަބަދު ދެއްކިޔަސް މި ވަބާގެ އަނދިރިކަން އަންދާޒާކޮށްލަން ނޭނގޭހައި ބިރުވެރިއެވެ.
މިވަބާގައި ޖެހި ތިމާގެ ލޯބިވާ ދަރިންނާއި އަމިއްލަ ޢާއިލާ މަތިން ހަނދާންނެތެއެވެ. އެކަމެއް ކުރުމަށް އެންމެ ލޯބިކުރާ ކަންކަން ކުރުމުން މަޙުރޫމުވެއެެވެ.
އަޅުގަނޑު މިފަހަރު ޙިއްސާކޮށްލަން މިއުޅެނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއެކު ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ދިމާވި ހުނަރުވެރި ބައެއް މީހުންގެ ވާހަކަތަކެވެ.
މާފަންނު ފީރޯޒްމަގުން އަޅުގަނޑާ ދިމާވި ޒުވާނެއްގެ ހުނަރުވެރިކަން އަޅުގަނޑުގެ ލޮލުގައި އަޅައިގަތެވެ. ފީރޯޒްމަގުގައި ހުންނަ ހިމަ ގޯޅިއަކުން ވަދެގެންގޮސް މިޒުވާނާ އުޅޭ ކުޑަ ޖިފުޓިގަނޑެއްކަހަލަ ގެ ބަލާލުމުން މަސްތުވާތަކެތި ބޭނުންކުރުމުގައި ގެންފުޅޭ އެކިސާމާނު އެތަނުގައި ހުރިތަން ފެނުނެވެ. އެހެންނަމަވެސް، އެހެންގެތަކާއި މިގެޔާއި ތަފާތުވީ އެއް ސަބަބަކީ އެ ގޭގެ ބައު ގޮދަޑިގަނޑެއްގައި އިށީދެގެންއިން ޒުވާނާ ކުރަހަން އިން ކުރެހުންތަކުންނެވެ. މިޒުވާނާއާ ވާހަކަދައްކާލުމުން އޭނާ ބުނީ އެންމެ ކުޑައިރުއްސުރެވެސް ކުރެހުމަށް ވަރަށް ޝައުޤުވެރިކަން ހުންނަ ކަމަށެވެ. ސްކޫލު ދައުރުގައި ބޭއްވި އެކި މުބާރާތްތަކުގައި ބައިވެރިވެ ލިބުނު ބައެއް އެވޯޑްތައްވެސް އޭނާ ނޫސްވެރިންނަށް ދައްކާލިއެވެ. މިފަދަ ކުރިއެރުމުގެ އަޒުމެއްގައި ހުރި ޢުމުރުން 34 އަހަރުގެ މި ޒުވާނާގެ ދިރިއުޅުން ބަރުބާދުކޮށްލީ އެކުގައި އުޅުނު އެކުވެރިއަކު ދިން ސިނގިރޭޓަކުން ކަމުގައި އޭނާ ކިޔާދިނެއެެވެ. މިއެކުވެރިންނާއެކު ހޭދަކުރި ވަގުތު އިތުރުވަމުންގޮސް މަސްތުވާތަކެތީގެ އެކި ކަންކަމަށްގޮސް މީހާ ގެއްލި އަމިއްލަ ކުރިމަގު ގެއްލިދިޔައިރު ހަދާނެގޮތް ހުސްވެފައި މިއަދު އިންނަން ޖެހިފައިވާކަމަށް އޭނާ ކިޔައިދިނެވެ.
"އަސްލު ވަރަށް ދެރަވޭ. ވަރަށް ކުރަހާ ހިތްވޭ. ކުޑައިރު މިކަމަށް ވަރަށް ހިތްވަރުވެސް ލިބުނު. އެކަމު މިއަދު މިކުރެވުނު ކަމަކުން މިވަނީ އަޅުގަނޑުގެ ހުނަރު ބޭކާރުވެފައި. ބަލައިގަންނާނެ އެކަކުވެސް މިއަދަކު ނެތް" މި ޒުވާނާ ކިޔާދިނެވެ.
މި ޒުވާނާ އާދައިގެ ސެލޯގްރިޕަރ ގަލަމަކުން ކުރަހާފައިވާ ކުރެހުންތައް ވަރަށް ފުރިހަމައެވެ. އެހެންނަމަވެސް މިކަން ބަލައިގަންނާނެ މީހަކު މިއަދު ނެތްކަމަށް އޭނާ ހިތާމައާއެކު ކިޔާދިނެވެ.
ދެން މި ޙިއްސާކޮށްލަނީ އަޅުގަނޑު ކުރިން މި ދެންނެވި ހިސާބާއި މާދުރު ނޫން ހިސާބަކުން ފެނުނު ޒުވާނެއްގެ ވާހަކައެވެ.
މަސްތުވާތަކެތި ބޭނުންކުރަނިކޮށް މ.ނަޝީ ރޯސްއިން އަތުލައިގަތް މި ޒުވާނާ އޭނާގެ ދިރިއުޅުމުގެ ބައެއް ޞަފްޙާތައް ނޫސްވެރިންނާ ހިއްސާކުރިއެވެ. ސަރުކާރުގެ 4 ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ މި ޒުވާނާ މިއަދު މުޖުތަމަޢުން ބޭކާރު ކޮށްލާފައިވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހުމުންކަމަށް އޭނާ ކިޔާދިނެވެ. މިއަދު އޭނާ ކާނެ އެއްޗެއް ހޯދަން ސަލާންޖަހަން މަޖުބޫރުވެ ގޮނޑުހޮވަން ޖެހިފައިވާކަން އޭނާ ފާހަގަކުރީ ހިތާމައާއި ގޮތް ހުސްވުމާއެކުއެވެ.
"ހަރުދަނާ ވަޒީފާ ދޫކޮއްލަންޖެހި މިހާރު މިއުޅެނީ ގޮނޑުހޮވަން. ހެނދުނު ހެނދުނާ ތެދުވެ މިދަނީ މާރުކޭޓް ސަރަހައްދަށް ކޮންމެވެސް ކާއެއްޗެއް ލިބޭތޯ. މީހަކު އެއްޗެއް ދީފިއްޔާ ކައިގެން އެހްނެނޫނީ ނުކައި މިހުންނަނީ. މީހުން އުކާލާފައި ހުންނަ އެއްޗެހި މިއަދު ހޮވަންޖެހުނީމަ އަޅުގަނޑު މިއަދު ވަރަށް ހިތާމަކުރަން" މި ޒުވާނާ ކިޔައިދިނެވެ.
ވަރަށް އެންމީދީ ހުވަފެންތަކަކާއިއެކު ދިރިއުޅުން އާރާސްތުކުރަމުންދަނިކޮށް ދިރިއުޅުން ބަރުބާދުވި މިޒުވާނާއާ ދިމާވީ ހެންވޭރު ގެޔަކުންނެވެ. ޤާނޫނީ ވަކީލަކަށް ވުމުގެ ހުވަފެންތައް ދެކެމުން އައި ޢުމުރުން 30 އަހަރުގެ މި އަންހެންމީހާ މިހާރު ވަނީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ މަގު ގެއްލިފައެވެ. މިއަދު އޭނާގެ ކުރީގެ އުއްމީދުތަކަކީ، މިހާރު ހަމައެކަނި ބުނެލާ ހުސް ވާހަކަތަކަކަށް ވަނީ ބަދަލުވެފައެވެ.
ޝަރީއާ އެންޑް ލޯއިން ފައުންޑޭޝަން ކޯސް ފުރިހަމަކުރުމުގެ އިތުރުން ގާރީ ކޯސްވެސް ހަދާފައިވާ މިއަންހެންމީހާގެ އުއްމީދުތަކާއެކު އެކޯސްތައް ފުރިހަމަކޮށް، ޢުމުރުން 19 އަހަރުގައި އޭނާގެ މިސްރާބު ގެއްލުނީ، ރައްޓެހިންނާއެކު މަޖާކުރުމުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރަން ފެށި ހިސާބުންކަމަށް އޭނާ ކިޔާދިނެވެ.
"ދެ ފަހަރެއްގެ މަތިން ރިހެބަށް ގޮސް ފަރުވާ ހޯދިން. އެކަމަކު އަލުން އަނެއްކާވެސް މިކަން ކުރަން ބޭނުންވީ. މިކަމަކީ އަސްލު ވަރަށް އުނދަގޫކަމެއް." މި އަންހެން މީހާ ކިޔައިދިނެވެ.
އަޅުގަނޑު މި ހިއްސާކޮށްލީ 4 ދުވަހުގެ މި އޮޕަރޭޝަންގައި ދިމާވި ދެތިން ޒުވާނެއްގެ މަދު ވާހަކަތަކަކެވެ. އެހެންނަމަވެސް މި ޙާލުގައި ޒުވާން ޖީލެއް ހަލާކުވެފައި ވާކަމީ ހިތި ހަޤީޤަތެވެ. މިނުރައްކާތެރި ވަބާއިން އަރައިގަނެ އަލުން މުޖުތަމަޢުއަށް ނިކުތުމަށް މިޒުވާނުންނަށް އެންމެންގެ އެއްބާރުލުން ވަރަށް މުހިންމެވެ.
ޕާޓޭ
ކޯޗެއްކަން ނޭގި ބޮވޭ މީހުންހުސް