ޚަބަރު

ރިސޯޓްތަކުގެ އިމާމުން ތަމްރީންކުރުމުގެ ޕްރޮގްރާމް ފަށައިފި


ރިސޯޓްތަކުގެ އިމާމުން ތަމްރީންކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

ރިސޯޓުތަކުގައި ނަމާދުކުރާނެ އިމާމުން ނެތުމުގެ ދަތިކަމަށް ހައްލު ގެނައުމަށްޓަކާ ޓޫރިޒަމް މިނިސްޓްރީއާ އިސްލާމިކް މިނިސްޓްރީ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމް ފަށައިދެއްވީ ޓޫރިޒަމް މިނިސްޓަރ އަބްދު ﷲ މައުސޫމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރިސޯޓްތަކުގައި މުދިމުން ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް މި ޕްރޮގްރާމްގެ ސަބަބުން ހައްލު ލިބިގެންދާނެކަމަށެވެ. ވަރޗުއަލްކޮށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފަވާ މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅަކު ހުރި ތަނެއްގައި ހުންނަވައިގެން ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމާ، ހުކުރު އަދި ތަރާވީސް ނަމާދުވެސް ކުރުމުގެ ބައި ހިމެނޭ ގޮތަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް މިހާ ފުރިހަމަ ކަމާއެކީގައި ކުރު މުއްދަތެއްގެ ތެރޭގައި އިންތިޒާމުކޮށްދެއްވީތީ މިނިސްޓަރ ވަނީ އިސްލާމިކް މިނިސްޓަރ އަހްމަދު ޒާހިރުއަށް ޝުކުރު ދަންނަވާފައެވެ. އަދި އުއްމީދަކީ މި ޕްރޮގްރާމްގެ ގިނަ ބައިތަކެއް ރަމަޟާންމަހުގެ ކުރިން ނިންމާލާ، ގިނަ ރިސޯޓްތަކަކަށް ދިމާވެފައިވާ އިމާމުން ނެތުމުގެ މައްސަލަ ހައްލުވެގެން ދިއުންކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

އިމާމުން ތަމްރީނުކުރުމުގެ މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ޕްރޮގްރާމް ނިންމިކަމުގެ ހަނދާނީ ލިޔުން ހަވާލުކުރުމަށް ހަމަޖެހިފައިވާއިރު މި ލިޔުން ލިބޭނީ ހުރިހާ ސެޝަންތަކެއް ފުރިހަމަ ކުރުމުން ކަމަށް އިސްލާމިކް މިނިސްޓަރ އަހްމަދު ޒާހިރު ވިދާޅުވިއެވެ. އަދި ލިޔުން ލިބޭ ފަރާތްތަކަށް އިތުރު ހުއްދައަކާ ނުލާ ހުރިހާ ރިސޯޓްތަކެއްގައި އިމާމުކަން ކުރެވޭނެކަމަށް މިނިސްޓަރ ޒާހިރު ފާހަގަކުރެއްވިއެވެ.

ދަތުރުފަތުރުގެ ދަތިކަމާއި ވިއްސާރަ ދުވަސްދުވަހު އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން ދިމާވާ ދަތިތަކުގެ ސަބަބުން ރިސޯޓުތަކަށް މުދިމުން ގެންދިއުމަށް ގިނަ ދަތިތަކާ ކުރިމަތިވެއެވެ. އަދި މިހާރު ދިމާވެފަމިވާ ބަލިމަޑުކަމުގެ ސަބަބުން ވެސް މިކަމަށް ދަތިތަކެއް ކުރިމަތިވަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ޒާހިރު ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދީފައިވަނީ ހާލަތާ ގުޅޭގޮތަށް ކަންކަން ރާވައިގެން ކުރިޔަށް ގެންދިއުމަށް ކަމަށެވެ.

ރިސޯޓްތަކަށް އިމާމުން ތަމްރީނު ކުރުމުގެ މި ޕްރޮގްރާމްގައި 85 ރިސޯޓަކުން 169 ބައިވެރިން ވަނީ ބައިވެރިވެފައެވެ.