ރާއްޖޭގެ އިރު ދެކުނުން އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު ގަދަވަމުން އަންނަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
އެ އިދާރާއިން ވިދާޅުވީ ސްރީލަންކާ މަތީގައި ދަތުރުކުރަމުން އަންނަ ބުރެވި ކޮޅިގަނޑުގެ ބާރުވެސް އިތުރަށް ގަދަވަމުން އަންނަނާތީ ދެޠޫފާނުގެ އަސަރު އެއްވެގެން ރާއްޖެއަށް ކުރަމުންދާނެކަމަށެވެ. އެހެންކަމުން ރާއްޖެއަށް ކުރާ ވިއްސާރައާއި ވައިގެ ބާރުމިން ގަދަވަމުން އަންނާނެކަމަށް އެއިދާރާއިން ލަފާކުރެއެވެ.
މިވަގުތު ޠޫފާން ބުރެވި ހުރީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައިކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި މިއަދުގެ ހަވީރުގެ ވަގުތެއްގައި ސްރީލަންކާ ހުރަސްކޮށް ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރިވާނެކަމަށް ލަފާކުރެވޭއިރު މިޠޫފާނާއި ގުޅިގެން އިންޑިއާގެ މީޓިއޮރޮލިޖިކަލް ޑިޕާޓްމަންޓުން ވަނީ މި ޠޫފާން ހުކުރު ދުވަހުގެ ފަތިހުގެ ގަޑިއެއްގައި އިންޑިއާއަށް އަރާނެކަމަށް ލަފާކޮށްފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މި ދެ ޠޫފާނުގެ ސަބަބުން ކުރާ އަސަރު މިއަދަށްވުރެ ބޮޑަށް ރާއްޖެއަށް ކުރާނީ މާދަމާކަމަށެވެ. މިއަދާއި މާދަމާގެ އެކި ގަޑިތަކުގައި ށ.އަތޮޅުން ފެށިގެން ލ.އަތޮޅާ ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭއިރު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ވައި ޢާއްމު ގޮތެއްގައި މިހާރު ގަދަވަމުން އަންނަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން އެވްރެޖްކޮށް މިއަދު ވައި ހުންނާނެކަމަށް ބެލެވެނީ ހުޅަނގާއި ހުޅަނގުއުތުރުން 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އަދި މާދަމާ ކޮޅިގަނޑުގެ ސްޕައިރަލްއަށް އަންނަމުންދާ ބަލަދުތަކަށް ބަލާއިރު ވައިގެ ބާރުމިން ގަދަވަމުން އަދި އަންނާނެކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ.
މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމުގެ ފުރުސަތު އޮތުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭއިރު ރާޅުގެ އުސްމިނުގައި ގާތްގަނޑަކަށް 5 ފޫޓައި 7 ފޫޓު ހުންނާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އިންޑިއާ ކަނޑުގެ ސަރަޙައްދުގައި މިވަގުތު ބާރުގަދަވަމުން އަންނަ 2 ޠޫފާން ދަތުރުކުރަމުން އަންނާތީ މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި އެއިދާރާއިން ނެރޭ ސަމާލުތަކަށާއި އިންޒާރުގެ މެސެޖުތަކަށް އިތުރަށް ފަރުވާ ބެހެއްޓުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވާފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ މިދުވަސްވަރު ނުކުރުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވެސް ވަނީ މޫސުމަށް ސަމާލުވެ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރައްވާފައެވެ.