ޚަބަރު

އިންޓަރޕޯލްގެ އެކްސެސްތަކާއެކު އެމްއެމްއޭގެ ފައިނޭންޝަލް ކަންކަމަށް އިތުރަށް ފުރިހަކަމެއް ލިބިގެންދާނެ: ސީޕީ


އިންޓަރޕޯލްގެ ޑޭޓާބޭސްތަކާއި ރިސޯސްތަކުގެ އެކްސެސް ލިބިގެން ދިއުމުން އެމްއެމްއޭގެ ފައިނޭޝަނަލް އިންޓެލިޖެންސް ޔުނިޓްގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އިންޓަރޕޯލް ސެކިއުއަރ އިންފޮމޭޝަން ނެޓްވޯކްގެ އެކްސެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ދިނުމުގެ އެއްބަސްވުމުގައި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާ ދެމެދު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވަނީ އިންޓަރޕޯލް އެން.ސީ.ބީ ގެ މަސައްކަތްތައް ފުޅާކޮށް ބައިނަލްއަޤުވާމީ ގޮތުން ދިވެހިރާއްޖެއިން އިންޓަރޕޯލް އާއި ގުޅިގެން ކުރާ މަސައްކަތްތައް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވާފައެވެ.

އަދި ޓްރާންސްނޭޝަނަލް ކްރައިމްސްގެ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް އިންޓަރޕޯލްގެ ފަރާތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ދެއްވާނެކަމަށާއި އިންޓަރޕޯލްގެ ޑޭޓާބޭސްތަކާއި ރިސޯރސްތަކުގެ އެކްސެސް ލިބިގެން ދިއުމުން އެމްއެމްއޭގެ ފައިނޭންޝަނަލް އިންޓެލިޖެންސް ޔުނިޓްގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް އިބްރާޙިމް އަޙްމަދު ނަޞީރު ދެއްކެވި ވާހަކައިގައި މި އެއްބަސްވުމުގެ ދަށުން އެފް.އައި.ޔޫ އަށް އިންޓަރޕޯލްގެ ޑޭޓާބޭސްތަކަށް އެކްސެސް ލިބިގެންދިޔުމަކީ އެފް.އައި.ޔޫގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.

އަދި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން މިހާރުވެސް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެކު ވަރަށް ގާތްކޮށް މަސައްކަތްކުރަމުން ގެންދާކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ގާބިލްކަން އިތުރުކުމަށް އިސްކަމެއް ދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންޓަރޕޯލްގެ ޑޭޓާބޭސްތަކާއި ރިސޯސްތަކުގެ އެކްސެސް ހަމަޖައްސަވައި ދެއްވުމުގައި، އިންޓަރޕޯލް އެން.ސީ.ބީ މާލޭގެ މުވައްޒަފުންނާއި ކޮމިޝަނަރ އޮފް ޕޮލިސް ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި އިބްރާޙިމް އަޙްމަދު ނަޞީރު ޝުކުރު އަދާކުރެއްވިއެވެ.