ކުޅިވަރު

އެންބީއޭގެ އިންތިޚާބު އަންނަމަހުގެ 12 އަށް ތާވަލްކުރުން


މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންގެ އާ ހިންގާ ކޮމެޓީ ހޮވުމަށް ބާއްވާ ޖަލްސާ މިއަންނަ މަހުގެ 12ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.

މޯލްޑިވްސް ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ފަރާތުން ނެރިފައިވާ އިޢުލާންގައި ބުނާގޮތުން އެ އެސޯސިއޭޝަންގެ އާ ހިންގާ ކޮމެޓީ ހޮވުމަށް ބާއްވާ ޖަލްސާގައި އެސޯސިއޭޝަންގެ ރައީސް، ނާއިބް ރައީސް، ހަޒާންދާރު، އަމިއްލަ މެންބަރުންގެ ތެރެއިން ހޮވާ މެންބަރު އަދި ފުރިހަމަ މެންބަރުންގެ ތެރެއިން ހޮވާ ފަސް މެންބަރުން ހޮވުމަށް ހަމަޖެހިފައިވެއެވެ. އާ ހިންގާ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާއިރު، ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ ފުރިހަމަ މެންބަރު ކުލަބް ޖަމިއްޔާތަައް ތަމްސީލް ކުރާ މަންދޫބުން ރަޖިސްޓަރ ކުރުމަށް ހުށައަޅާ ޕްރޮކްސީ ފޯމާއި އިންތިޚާބުގައި ހޮވާ މަގާމުތަކަށް ކުރިމަތި ލުމަށް ހުށައަޅާ ފޯމާއި އިންތިޚާބް ކުރިއަށް ގެންދިއުމަށްޓަކައި އަމަލުކުރެވޭ އުސޫލު ގެޒެޓްގައި ޝާޢިރުކޮށްފައިވާނެކަމަށް މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނުން ބުނެއެވެ. މިފޯމްތައް ބަލައިގަތުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 10ވަނަ ދުވަހުގެ މެންދުރު 1:30ގައިކަމަށްވެސް މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންއިން މަޢުލުމާތުދެއެވެ.

މިއިންތިޚާބްގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ ކުލަބް ޖަމިއްޔާތަކުގެ ލިސްޓް މިހާރު ގެޒެޓް ކޮށްފައިވާއިރު، މިކަމާއި ގުޅިގެން ޝަކުވާ ހުށައެޅުމުގެ އެންމެ ފަހު ގަޑިއަކީ މިމަހުގެ 6ވަނަ ދުވަހުގެ މެންދުރު 01:30 ކަމަށްވެސް މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނުން މަޢުލުމާތުދެއެވެ. ކުރިއަށްއޮތް ހަތަރު އަހަރަށް އިންތިޚާބުކުރާ އާ ހިންގާ ކޮމެޓީ ކަނޑައެޅުން މިމަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާވެސް ހަމަ އެދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމްބީއޭއިން މަޢުލުމާތުދެއެވެ.

މިޖަލްސާގައި 2019ވަނަ އަހަރުގެ އަހަރީ ރިޕޯޓްއާއި މިއަންނަ އަހަރުގެ ބަޖެޓް ފާސްކުރުމުގެ އިތުރުން މިއަންނަ އަހަރުގެ ކަލަންޑަރުވެސް މިޖަލްސާގައި ފާސްކުރުން އޮންނާނެއެވެ.