ދުނިޔެ

ކޯވިޑްގެ ސަބަބުން އިންސާނީ އެހީތެރިކަން ބޭނުންވާ ޢަދަދު ވަރަށް ބޮޑަށް އިތުރުވާނެ: އދ

ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އިންސާނީ އެހީތެރިކަމަށް ބޭނުންޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާކަމަށް އދ.ން ބުނެފިއެވެ.

އދ.ން ތައްޔާރުކޮށްފައިވާ ގްލޯބަލް ހިއުމެނިޓޭރިއަން އޯވާވިއު 2021ގައި އެ ޖަމްއިއްޔާއިން ބުނީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކޮންމެ 33 މީހުންގެ ތެރެއިން އެކަކަކީ ފެނާއި ކާބޯތަކެތި ހޯދުމަށް އެހީތެރިކަން ބޭނުންވާނެ މީހުންކަމަށެވެ. އެއީ މި ހިންގާ އަހަރާއި އަޅައި ބަލައިއިރު 40 އިންސައްތައިގެ އިތުރުވުމެކެވެ. އެ ޢަދަދަކީ ދުނިޔޭގެ އާބާދީގެ 235 މިލިއަން މީހުންކަމަށާއި، އޭގެ ތެރޭގައި ގިނަވާނީ ސޫރިޔާ، ޔަމަން، އަފްޣާނިސްތާނު، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ އަދި އިތިއޯޕިޔާގެ މީހުންކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

އދ.ގެ ސެކެޓްރީ ޖެނެރަލް، އެންތޯނިއޯ ގުތޭޚޭޝް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޯވިޑްގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތު ނިމުމަކަށް އައުމަށް އަދި ގާތްވެސް ނުވާކަމަށެވެ. ކޯވިޑްގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށާއި، ތަކެތީގެ އަގު އުފުލުމާއި އާމްދަނީ މަދުވުމާއި ވެކްސިން ޕުރޮގުރާމުތައް މެދުކެނޑުމާއި މަދަރުސާތައް ބަންދުކުރުމުގެ ސަބަބުން ބަލިމަޑުކަމުގެ ކުރިންވެސް ދިރިއުޅުމުގެ ޙާލަތު ރަނގަޅުނޫން އެތައް ބައެއްގެ ދިރިއުޅުމަށް ނޭދެވޭ ބޮޑެތި އަސަރުތައް ކުރަމުންދާކަމަށް އޭނާ ވިދާވިއެވެ.

އދ.ގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއިބެހޭ އިދާރާ، އޯސީއެޗުއޭއިން ބުނީ 160 މިލިއަން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ އިދާރާއިން އުންމީދުކުރާކަމަށެވެ. އެ އިދާރާގެ އިސްވެރިޔާ، މާކް ލޯކޮކް ވިދާޅުވީ ކުރިމަގާއި މެދު މި އަހަރު ކުރަމުންދާ އަންދާޒާތަކަކީ އިންސާނީ އެހީތެރިކަން ބޭނުންވާ މީހުންނާއި ގުޅޭގޮތުން މިހާތަނަށް ކޮށްފައިވާ އެންމެ ހިތްދަތި އަދި ބިރުވެރި އަންދާޒާތައްކަމަށެވެ. ކޯވިޑް-19ގެ ސަބަބުން އެންމެ ނާޒުކު ޙާލަތްތަކުގައިވާ ސަރަޙައްދުތަކަށް ބޮޑެތި އަސަރުތައް ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ލޯކޮކް ވިދާޅުވީ 1990ގެ އަހަރުތަކުން ފެށިގެން ފުރަތަމަ ފަހަރަށް ފަގީރުކަން އިންތިހާއަށް އިތުރުވެ، މީހުންގެ އުމުރު ކުރުވެ، އެޗުއައިވީ، ޓީބީ އަދި މެލޭރިއާ ޖެހިގެން މަރުވާ މީހުންގެ ޢަދަދު ކުރިއަށް އޮތް އަހަރުގެ ތެރޭގައި ދެގުނައަށް އިތުރުވާނެކަމަށެވެ. އޭގެ ސަބަބުން ބަނޑުހައި ހޫނުކަމާއި ކުރިމަތިލަމުންދާ މީހުންގެ ޢަދަދު ދެގުނައަށް އިތުރުވުމަކީ ގާތްކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޔަމަނުގެ ޙަލަތާއި ގުޅޭގޮތުން ލޯކޮކް ވިދާޅުވީ ބަނޑުހައިހޫނުކަމުގެ ކާރިޘާއަކާއި އެ ޤައުމުން ކުރިމަތިލަމުންދާކަމަށާއި، އެ ޤައުމުގެ ޙާލަތު އެހާ ގޯސްވުމަށް މެދުވެރިވާ ސަބަބަކީ ގަލްފުގެ ޤައުމުތަކުން ކުރިން ދެމުން އައި އެހީތެރިކަން މަދުވުމުންކަމަށެވެ. އެހީތެރިކަން ލިބުމުގައި ކުރިމަތިލަމުންދާ ދަތިތަކުގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބައެއް ޙަރަކާތްތައްވަނީ އެ ޤައުމުގައި މެދުކަނޑާލަން ޖެހިފައެވެ. ސޫރިޔާއާއި ސޫރިޔާގެ އެތައް މިލިއަން ރައްޔިތުން ހިޖުރަކޮށްފައިވާ އަވަށްޓެރި ޤައުމުތަކަށް ބޭނުންވާ އެހީތެރިކަން ވަރަށް ބޮޑުކަމަށްވެސް ލޯކޮކް ވިދާޅުވިއެވެ.

އޯސީއެޗްއޭއިން ބުނީ އެހީތެރިކަން ބޭނުންވާ އެހެން ޤައުމުތަކުގެ ތެރޭގައި އަފްޣާނިސްތާނު، ކޮންގޯ، ހައިޓީ، ނައިޖީރިއާ، ސައުތު ސޫދާން، ޔުކްރެއިން އަދި ވެނެޒުއެލާ ހިމެނޭކަމަށެވެ. އެ ލިސްޓުގައި އަލަށް ހިމަނަފައިވާ ޤައުމުތަކަކީ މޮޒަމްބީގާއި ޕާކިސްތާނާއި ޒިމްބާބްވޭއެވެ. ޤައުމުތަކުގެ ޙާލަތު ގޯސްވަނީ ސީދާ ބަލިމަޑުކަމުގެ ސަބަބުން ނޫންކަމަށާއި އެންމެ ބޮޑު އަސަރެއްކުރަނީ ބަލިމަޑުކަމުގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދު ހީނަރުވުމުންކަމަށް ލޯކޮކް ވިދާޅުވިއެވެ. އެހެންކަމުން ފަޤީރު ޤައުމުތަކަށް ކުރާ އަސަރު ވަކިން ބޮޑުވާނެކަމަށާއި ގިނަ ދުވަހަށް ދެމިގެންދާނެކަމަށް އެ ފަރާތުންވަނީ ފާހަގަކޮށްފައެވެ.