ޚަބަރު

ބިލެތްފަހި ބަނދަރުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ- މިނިސްޓަރ އަސްލަމް


ށ.ބިލެއްފަހި ބަނދަރުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ށ. ބިލެއްފަހީގެ ބަނދަރު މަސައްކަތް ނުފެށި ލަސްވެގެން ދިޔަނަމަވެސް އެކަމާ ގުޅޭ މަޝްވަރާތައް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަކަމަށެވެ. އަދި މި މަސައްކަތް ނުފެށި ލަސްވީ ކޯވިޑް-19ގެ ސަބަބުން ދަތުރުކުރުމަށާއި، ކަމާބެހޭ ފަރާތްތަކަށް މަސައްކަތްކުރަން ހަމަޖެހިފަވާ ރަށްރަށަށް ދިއުމަށް ދިމާވި ދަތިތަކުންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ޑިސިޝަން ނެގުމަށް ލަސްތަކެއްވުމުގަ ދަތުރުފަތުރުގަ ހުރި ދަތިތަށްވެސް ހުރި ގޮސް މިކަންކަން ބެލުމުގަ. މިހާރު އީއައިއޭ ހަދާ ނިންމާފަ ވަނީ ސަބްމިޓް ކުރެވިފަ. އީއައިއޭގެ އެޕްރޫވަލް ލިބުމާއެކީގަ ކޮންޓްރެކްޓަރ ބަނދަރުގެ މަސައްކަތް ފަށާނެ."

މިނިސްޓަރ ވިދާޅުވީ ހުރިހާ ރަށެއްގެ ބަނދަރުގެ މަސައްކަތްވެސް ކުރަމުން އަންނަނީ ލިބެން ހުރި ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުން ކޮށްގެނެވެ. އެހެން ނަމަވެސް އެއްވެސް ރަށެއްގެ ބަނދަރަކީ ދައްޗަކާ ނުލާ އަބަދު ބޭނުން ކުރެވޭނެ ބަނދަރެއް ނޫންކަމަށާއި، ކޮންމެ ބަނދަރެއްވެސް ބޭނުންކުރުމަށް ދަތި ދުވަސްވަރެއް ކުރިމަތިވެދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އަބަދުވެސް މި މައްސަލަތައް ވީވަރަކުން ކުޑަކުރެވޭތޯ ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކޮންމެ ބަނދަރެއްގަވެސް އަންނާނެ މި ދަންނަވާ ޑައުންޓައިމް. 365 ދުވަހު ކޮންމެ ގަޑިއެއްގެ ތެރޭގަ އެއްވެސް ދަތިކަމެއްނެތި ވަދެވޭނެ އެއްވެސް ބަނދަރެއް ނޯވެ. އެއީ ގުދުރަތީ ނިޒާމުގެ ތެރޭގަ އެކަން އަޅުގަނޑުމެން ކުރާއިރު އެނދިހުރި މިންވަރެއްގެ މައްޗަށް ބިނާކޮށް ކުރީމަ އަޅުގަނޑުމެންނަށް އެންމެ ފުރިހަމަކޮށް އެކަހަލަ ކަންތައްތަކެއް ނުކުރެވެ. އެހެންނަމަވެސް ގާބިލްކަން ހުރި މިންވަރަކުން މިކަމުގައި ކޯސްޓަލް އިނޖިނީރިންގް ގެ ބޭފުޅުން އުޅުއްވި"

ބިލެއްފަހި ބަނދަރަކީ އެންމެ ފުރަތަމަ ބަނދަރު ހެދުމުގެ މަސައްކަތް ނިންމާލިއިރުވެސް ވަދެ ނިކުތުމުގެ މައްސަލަ ދިމާވާން ފެށި ބަނދަރެކެވެ. އެމައްސަލަތައް ހައްލުކުރުމަށް މިސަރުކާރުން ށ. ބިލެއްފަހި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޮޑު ހިލަ ބޭނުންކޮށްގެން 376 މީޓަރ ބޭރު ތޮށި ހެދުމާއި، 98 މީޓަރ އެއްގަމު ތޮށި ހެދުމާއި، 05 މޫރިން ބުލޮކް ލުމާއި، 11 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުމާއި، 1150 ސްކެއަރ މީޓަރ ޕޭވްމަންޓެއް ހެދުމާއި، 14325 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 9800 ކިއުބިކް މީޓަރ ނެރު ފުންކުރުމާރި، ރޭމްޕެއް ހެދުމާއި އަދި 22 މީޓަރުގެ ގުރޯއިން ޖެހުން ހިމެނެއެވެ.