ތަޢުލީމު

އެމް.އެން.ޔޫގެ ޑިރެކްޓަރ އޮފް ރިސަރޗްގެ މަޤާމަށް ޑރ. ރަޙީމާ އަދި ލ. ގަން ކެމްޕަސްގެ މެނޭޖަރަކަށް ވަޖްދާ


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމް.އެން.ޔޫގެ ޑިރެކްޓަރ އޮފް ރިސަރޗްގެ މަޤާމަށް ޑރ. ރަޙީމާ ޢަބްދުއްރަޙީމް އަދި ލ. ގަން ކެމްޕަސް މެނޭޖަރގެ މަޤާމަށް ޙައްވާ ވަޖުދާ، ޢައްޔަނު ކުރައްވާ، މަޤާމުގެ ލިޔުން ޙަވާލު ކުރައްވައިފިއެވެ.

އެމް.އެން.ޔޫގެ މަރުކަޒީ އިދާރާގައި މިއަދު ހެނދުނު ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި ދެބޭފުޅުންނަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފުއެވެ.

ޑިރެކްޓަރ އޮފް ރިސަރޗްގެ މަޤާމަށް ހޮވިވަޑައިގެންފައިވާ ޑރ. ރަޙީމާ ޢަބްދުއްރަޙީމަކީ ޔުނިވަރސިޓީއަށް ގިނަ ދުވަސްތަކެއްގައި ހިދުމަތްކުރައްވާފައިވާ ފަރާތެކެވެ. ޑރ. ރަޙީމާ ޢަބްދުއްރަޙީމް ޔުނިވަރސިޓީއަށް އަލަށް ގުޅިވަޑައިގަންފައިވަނީ 2000 ވަނަ އަހަރު ފެކަލްޓީ އޮފް ހެލްތް ސައިންސަސްއަށެވެ. އަދި 2010 ވަނަ އަހަރާ ހަމައަށް ޑރ. ރަޙީމާ ޢަބްދުއްރަޙީމް ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި އެކަޑެމިކް މުވައްޒަފެއްގެ މަޤާމު އަދާކުރައްވާފައިވެއެވެ.

އެއަށްފަހު ވިލާ ކޮލެޖުގައި ރިސަރޗް އެސޯސިއޭޓް އަދި ޑިރެކްޓަރ އޮފް ރިސަރޗްގެ މަޤާމު އަދާކުރެވުމަށްފަހު 2016 ވަނަ އަހަރު ޑރ. ރަޙީމާ ޢަބްދުއްރަޙީމް ވަނީ ޑީން އޮފް ރިސަރޗްގެ މަޤާމުގައި ޔުނިވަރސިޓީއަށް އަލުން ގުޅިވަޑައިގެން މިއަދާ ހަމައަށް ޔުނުވަރސިޓީއަށް ހިދުމަތްކޮށްދީފައެވެ. މީގެ އިތުރުން ޔުނިވަރސިޓީގެ އެކި ކޮމިޓީތަކުގާ ޑރ. ރަޙީމާ ޢަބްދުއްރަޙީމް މަސައްކަތްކުރައްވާފައިވެއެވެ.

ލ. ގަން ކެމްޕަސް މެނޭޖަރގެ މަޤާމަށް ހޮވިވަޑައިގެންފައިވާ ޙައްވާ ވަޖުދާ އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ވީ މީޑިއާގެ ސީނިއަރ މާކެޓީންގ އެންޑް ސޭލްސް އެގްޒެކެޓިވްގެ މަޤާމް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އެސިސްޓަންޓް ޑިރެކްޓަރގެ މަޤާމް، ޕަބްލިކް ސަރވިސް މީޑިއާގެ އެސިސްޓަންޓް ޕްރޮޑިއުސަރގެ މަޤާމް އަދި ހިއުމަން ރައިޓްސް ކޮމިޝަން ގެ ޕަބްލިކް ރެލޭޝަންސް އޮފިސަރގެ މަޤާމް ހިމެނެއެވެ.