ވިޔަފާރި

ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓުގެ %84 ހުޅުވުމުގެ ހުއްދަ ދީފި


ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓުގެ %84 ރިސޯޓް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ. މިއީ މުޅި ޖުމްލަ 133 ރިސޯޓްކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިނިސްޓްރީ އޮފް ޓޫރިޒަމުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މުޅި ޖުމްލަ 159 ރިސޯޓެއް އަންނަނީ ހިންގަމުންނެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު އެންމެ ފުރަތަމަ ފަތުރުވެރިންނަށް ޚިދުމަތްދިނުމުގެ ހުއްދަ ދީފައިވަނީވެސް ރިސޯޓްތަކަށެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ތެރޭގައިވެސް 8 ރިސޯޓެއްގައި އަލުން ފަތުރުވެރިންނަށްވަނީ ޙިދުމަތްދޭން ފަށާފައެވެ. މިހާތަނަށް ހުޅުވުމުގެ ހުއްދަ ދީފައިވާ 133 ރިސޯޓާއިއެކު މިދާއިރާގައި ފަތުރުވެރިންނަށް ޚިދުމަތްދޭ އެނދުގެ އަދަދު ވަނީ 30878 އަށް އަރާފައެވެ.

ރާއްޖޭގެ ހުރިހައި ސަރަހައްދެއްގެ ރިސޯޓްތައްވެސް މިހާރު ވަނީ ފަތުރުވެރިންނަށް ހުޅުވާލާފައެވެ. ރިސޯޓްތައް އަލުން ހުޅުވާލުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވަނީ ޖުލައި 15 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު މިހާތަނަށް 70،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެތެރެއިން ގިނަ ފަތުރުވެރިން އައިސްފައިވަނީ ރާއްޖޭގެ ރިސޯޓްތަކަށެވެ. ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ރާއްޖެ އަންނަ ފަތުރުވެރިން އަދަދު އަންނަނީ އިތުރުވަމުންނެވެ. މިހާރުވެސް ރާއްޖޭގެ ގިނަ ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓް އުޅެނީ ވަރަށް މަތީގައެވެ. އަދި ކުރިއަށްއޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަންކަމުން ރިސޯޓްތަކަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ފަތުރުވެރިންނަށް "ސްޕްލިޓް ސްޓޭ" ގެ ހުއްދަ ވެސް ދީފައެވެ. މިހުއްދައިގެ ދަށުން ރާއްޖޭގެ ރިސޯޓްތަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް ގެސްޓްހައުސް އާއި ސަފާރީއަށް ދިއުމަށް އެއްވެސް ހުރަހެއްނެތެވެ.