ޚަބަރު

ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ ކޯސްތަކެއް ހިންގާނެ އިންސްޓިޓިއުޓުތައް ހޯދަނީ


ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ 12 ކޯހެއް ހިންގާނެ އިންސްޓިޓިއުޓްތައް ހޯދަން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިޢުލާނުކޮށްފިއެވެ.

"ސްކިލްސް ފޯ އަ ރެޒިލިއެންޓް ވޯކްފޯސް"ގެ ދަށުން ޕްރޮގްރާމްތައް ހިންގަން ޝައުގުވެރިވާ ތަންތަނުން އަންނަ މަހުގެ 10ގެ ކުރިން [email protected]އަށް މެއިލްކުރަން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އަންދާސީ ހިސާބު ބަލައިގަންނަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 23 ގައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިފަދަ ޕްރޮޖެކްޓުތަކުގެ ތެރެއިން ވީހާވެސް ގިނަ އިންސްޓިޓިއުޓުތަކަށް ފުރުސަތު ލިބުމަކީ، އެ ތަންތަނުގެ ހިންގުމުގެ ޤާބިލުކަން އިތުރުވެގެން ދާނެކަމެއް ކަމަށެވެ. އޭގެ އިތުރުން މަތީ ތައުލީމާއި ތަމްރީނުގެ ސިޔާސަތުތައް އެކުލަވާލާއިރު އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ވީހާ ވެސް ބޮޑަށް އިތުރުވެގެން ދާނެ ގޮތްތަކަށް ހާއްސަ ސަމާލުކަމެއް ދޭ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

"ސްކިލްސް ފޯ އަ ރެޒިލިއެންޓް ވޯކްފޯސް"ގެ ދަށުން ސެޓްފިކެޓް ލެވެލް ތިނެއްގެ 12 ކޯހެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ގިނަ ކޯސްތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި ހައުސްކީޕިން، ލޯންޑްރީ އޮޕަރޭޝަންސް، ވޯޓަ ސްޕޯޓްސް، އިންވެންޓްރީ މެނޭޖްމަންޓް، ލައިފް ގާޑް އަދި ސްޕޯޓްސް ފިޝިން ގައިޑް ފަދަ ކޯސްތައް ހިމެނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިފަދަ ޕްރޮގްރާމެއްގެ މަޤްޞަދަކީ ކޯވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި މުއައްސަސާތަކަށް ދިމާވި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދީ ތަފާތު ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނުކޮށް މަސައްކަތުގެ މާހައުލަށް ނެރުންކަމަށެވެ.