ދީން

އެންމެ އަލިގަދަ ތަރި، އަލްހާފިޟް އަބްދުއްރަޝީދުގެ އަޑުން މުޅި ޤުރުއާން ރެކޯޑު ކުރަނީ


އަލްހާފިޟް އަބްދުއްރަޝީދުގެ އަޑުން، މުޅި ޤުރުއާން ރެކޯޑް ކުރުމުގެ މަސައްކަތް ބްލައިންޑް އެންޑް ވިޜުއަލް އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް އިން ފަށައިފިއެވެ.

އަލްހާފިޒް އަބްދުއްރަޝީދަކީ ދިވެހިރާއްޖޭގައި ބޭއްވި އެންމެ ފަޚުރުވެރި އެއް މުބާރާތްތަކަމުގައިވާ، "އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތް 2014 ވަނަ އަހަރު ކާމިޔާބު ކުރި ފަރާތެވެ.

ށ ފޭދޫ، ރިވެތި، އަލްހާފިޟް ޢަބްދުއްރަޝީދަކީ، ރާއްޖޭގައި ތިއްބެވި، ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ، ލޯފަން ހާފިޟުންގެ ތެރޭގައި ހިމެނޭ ޤުރުއާން ހިތުދަސް ބޭފުޅެކެވެ.

އިވުމާއި ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކުގެ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމްުޢިއްޔާ ނުވަތަ ބްލައިންޑް އެންޑް ވިޜުއަލް އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް އިން ކުރަމުންދާ މި މަސައްކަތް ޑިސެމްބަރ މަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޖަމްޢިއްޔާގެ ރައީސް ޢަލީ ޝަމީމް ވިދާޅުވިއެވެ. ޕީ އެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ޖަމްޢިއްޔާގެ ރައީސް ޢަލީ ޝަމީމް ވިދާޅުވީ ޤުރުއާން ރިކޯޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ފަހަރަކު ފޮތެއް ވަކިވަކިން ކަމަށާއި، އާއްމުންނާ ހަމައަށް ރިކޯޑިންގް ދޫކޮއްލުމަށް ހަމަޖެހިފަވަނީ އެއްކޮށް ރިކޯޑްކޮށް ނިމުމުން ކަމަށެވެ.

އެ ޖަމުޢިއްޔާއިން ފަށާފަވާއިވާ މި މަސައްކަތަށް އެންމެންގެ އެހީތެރިކަމަށް އެ ޖަމްޢިއްޔާއިންވަނީ އެދިފައެވެ. އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން އެ ޖަމުޢިއްޔާގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެންނާއި، 9991256 ނަންބަރަށް ގުޅައިގެން އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.