ޚަބަރު

ޒިޔަތުގެ ދައުވާ ތަކަށް އިއުތިރާފުވުމުން ޑިސެމްބަރު 6ގައި ހުކުމް އިއްވަނީ


އެމް.އެމް.ޕީ.އާރު.ސީގެ ބޮޑު ޚިޔާނާތް ހިނގިއިރު އެކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޒިޔަތު އޭނާގެ މައްޗަށް ކުރާ ހުރިހާ ދައުވާއަކަށް އިއުތިރާފުވެފައި ވުމާއިއެކު، އެމައްސަލަތަކުގެ ހުކުމްކުރުން ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

ދައުލަތާއެކު އަދަބަށް ލުއިދިނުމުގެ އެއްބަސްވުމެއް ހަދައި، ޒިޔަތު އޭނާގެ މައްޗަށް ކުރާ 32 ދައުވާއަށް އިއުތިރާފުވެފައި ވަނީ އެމައްސަލާގައި ބޭއްވި އެންމެ ފަހު އަޑުއެހުމުގައެވެ. ޒިޔަތު ވަނީ ތަހުޤީޤަށްވެސް އެއްބާރުލުންދީ އިއުތިރާފު ވެފައެވެ.

ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކަމުން ޒިޔަތު ވިދާޅުވެފައި ވަނީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ އަމަލުކުރައްވަމުން ގެންދެވީ. ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އަދި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ޢަބްދުލްޣަފޫރު އަންގަވާ ގޮތުގެ މަތިންކަމަށެވެ. އަދި ޚިޔާނާތުގެ އެއްވެސް ފައިސާއެއް ސިދާ ގޮތަކަށްވެސް އަދި ނުސީދާ ގޮތަކަށްވެސް އޭނާއަށް ލިބިފައިނުވާ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތުގެ މައްޗަށް ދައުލަތުން ކުރާ 32 ދައުވާގެ އަދަބަކީ 11 އަހަރަށް ޖަލަށްލުން ކަމަށް ދައުލަތުގެ ވަކީލުން މިއަދު ނިންމާފައިވެއެވެ. އަދި މިއަދަދާއި މެދު އެއްވެސް އިއުތިރާޒެއް ނެތްކަމަށް ޒިޔަތުގެ ދިފާއީ ވަކީލު ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ ޒިޔަތު ޝަރީޢަތަށް އެއްބާރުލުންދީ އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ކުރާ ހުކުމަށް ލުއިދޭން ނިންމާފައިވާކަމަށެވެ.

ޒިޔަތުގެ މައްޗަށް ކުރާ ކޮންމެ ދައުވާއެއްގެ ހުކުމަކީ 7 އަހަރާއި 2 މަހާއި 12 ދުވަސްކަމަށް ވިދާޅުވިއެވެ. އަދި އައު ޤާނޫނުލް ޢުޤޫބާތުގެ 1006 ވަނަ މާއްދާގެ ދަށުން އެއް ދައުވާ އަށް ވުރެ ގިނަ ދައުވާތައް ކުރާނަމަ ދެން ކުރާ ދައުވާގެ ހުކުމަކަށް ވާނީ ފުރަތަމަ ކުރާ ދައުވާގެ ދެބައިކޮށްފަ އެއްބަޔެވެ. އެއަށްފަހު ކުރާ ދައުވާގެ ހުކުމަކީ ފުރަތަމަ ދައުވާގެ ހުކުމަކީ ފުރަތަމަ ދައުވާގެ ހަތަރުބައިކޮށްފަ އެއްބަޔެވެ. މި އުސޫލުން ޒިޔަތުގެ މައްޗަށް ކުރާ 12 ވަނަ ދައުވާގެ ހުކުމަކީ އެއް ދުވަހުގެ ޖަލު ހުކުމްކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ. އަދި ބާކީ 20 ދައުވާއަށް މި މާއްދާގެ ދަށުން ހުކުމެއް ނާންނާނެކަމަށްވެސް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ފައިސާތަކަށް ޚިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް ޒިޔަތު ގެންދަނީ ތަންފީޒުކުރަމުންނެވެ. ޒިޔަތުގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތްތައް ހިނގަމުން ދާއިރު އޭނާ މިހާރު ހުރީ ޖަލު ބަންދުން ގޭބަންދަށް ބަދަލުކޮށްފައެވެ،