ޚަބަރު

ކުޑަކުދިންނާ ގުޅުންހުރި ޤާނޫނުތަކަށް ފުލުހުން އަހުލުވެރިކުރުވަނީ


ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ފުލުހުން އަހުލުވެރި ކުރުވުމަށް މަޢުލޫމާތުދިނުމުގެ ޕްރޮގްރާމެއް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގުން ފަށައިފިއެވެ.

މި ނޮވެމްބަރު މަހުގެ 25ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި، މިއަހަރު ޢަމަލުކުރަން ފަށާފައިވާ ކުޑަކުދިންގެ ހައްގުތަކުގެ ޤާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން އަނިޔާ ލިބޭ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައާއި ކުށްކުރާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި ސީންތަކުގައި މަސައްކަތްކުރާއިރު އަމަލުކުރަންޖެހޭ އުސޫލުތަކާއި ވިސްނަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކޮށްފައިވެއެވެ.

ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގުގެ ކްރައިމްސް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓާއި ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ތެރެއިން، ފްރަންޓްލައިގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނާއި އިންވެސްޓިގޭޝަން އޮފިސަރުންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަތޮޅު ތެރޭގައި މަސައްކަތްކުރާ ފުލުހުންނަށް މައުލޫމާތު ދިނުން ކުރިއަށް ގެންދަނީ ވަރޗުއަލްކޮށެވެ.

މި ޕްރޮގްރާމްގައި މައުލޫމާތު ދެއްވަނީ ކްރައިމްސް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓް އަދި ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓުގެ ކަމާ ގުޅުންހުރި ތަޖުރިބާކާރު ފުލުހުންނެވެ.