ޚަބަރު

ކައުންސިލްތަކުގެ މަސައްކަތް ވަޒަންކުރުމާގުޅޭ ތަމްރީނެއް ފަށައިފި


ލޯކަލް ކައުންސިލް ތަކުގެ މަސައްކަތަށް މިންކޮށް ވަޒަންކުރުމަށް ރަށުކައުންސިލްތަކުގެ މެމްބަރުން ތަމްރީނުކުރާނެ ފަރާތްތައް ތަމްރީނުކުރުމުގެ މަސައްކަތު ބައްދަލުވުމެއް އެލް.ޖީ.އޭ އިން ފަށައިފިއެވެ.ލޯކަލް ގަވަރމަންޓް އޮތީރިޓީން މިއަދު ފެށި "ލޯކަލް ކައުންސިލްސް ޕަރފޯމަންސް އިންޑެކްސް، ޓްރެއިނިންގ އޮފް ޓްރެއިނާސް" އަކީ، ކައުންސިލްތަކުން ކުރާ މަސައްކަތް މިންކުރުމަށް ކޮންމެ އަތޮޅެއްގައިވެސް އެ އަތޮޅުގެ އެހެން ރަށްރަށުގެ މަސައްކަތް ވިލަރެސް ކުރާނެ ފަރާތްތަތައް ފޯކަލް ޕޮއިންޓުންގެ ގޮތުގައި  ތަމްރީނުކުރުމަށް ކުރިޔަށްގެންދާ  ޕްރޮގްރާމެކެވެ.ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެލް.ޖީ.އޭގެ ގަވަރނަންސް އޮޑިޓަރ އަހްމަދު ހަސަން ވިދާޅުވީ، މި ޕަރފޯމަންސް އިންޑެކްސްއެކުލަވާލެވިފައިވަނީ މައިގަނޑު 5 ސަބް އިންޑެކްސް އަކަށް ކަމަށެވެ."ކައުންސިލްތައް ޖަވާބުދާރީ ކުރުވުމުގައި އަދި ޒިންމާދާރު ކުރުވެނީ ކިހާވަރަކަށްތޯ އަދި ކައުންސިލްތަކުގެ މަސައްކަތުގެ ފުރިހަމަކަން ކިހާވަރަކަށްކަމާއި، ރައްޔިތުންނަށް ރައްކާތެރިކަމާއި ހިމާޔަތްދެނީ ކިހާވަރަކަށްތޯ. މިކަހަލަ މައިގަނޑު ފަސް ސަބް އިންޑެކްސްއަކަށް ބަލައިގެން، މި ޕަރފޯމަންސް އިންޑެކްސް އެކުލަވާލެވިފައިވަނީ." އެލް.ޖީ.އޭގެ ގަވަރނަންސް އޮޑިޓަރ އަހްމަދު ހަސަން ވިދާޅުވިއެވެ.އަހްމަދު ހަސަން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ކައުންސިލްތަކުގެ ޕަރފޯމަންސް އިންޑެކްސް ނެގުމުގެ ޓްރެއިނިންގ މަރުހަލާ ފަށާފައިވާއިރު، ވޭތުވެދިޔަ 2014 ވަނަ އަހަރުގެ ޕަރފޯމަންސް އިންޑެކްސް އަންނަ އަހަރުގެ ފެބްރުއަރީ މަހު އާންމު ކުރެވިގެންދާނެ ކަމަށާއި، އެއިންޑެކްސްގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ރާއްޖޭގައި އޮތް 209 ކައުންސިލުން އަމަލު ކުރަނީ ކިހާވަރަކަށް ކަމާއި، ކައުންސިލް ގެ ދަރަޖަ، ވަރަށް ރަނގަޅަށް ފެނިގެންދާނެކަމަށެވެ."ރޭންކް ކުރާއިރު އެނގޭނެ އެންމެ ރަނގަޅު ކައުންސިލަކީ ކޮބައިކަން، ކައުންސިލްގެ ދަރަޖަ ވަރަށް ބޮޑަށް އެނގިގެންދާނެ. އޭރުން ރައްޔިތުންނަށް ކައުންސިލުގެ ޕަރފޯމަންސް އެނގޭނެ" އެލް.ޖީ.އޭގެ ގަވަރނަންސް އޮޑިޓަރ އަހްމަދު ހަސަން ވިދާޅުވިއެވެ.ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ 19 އަތޮޅެއްގެ އަތޮޅުކައުންސިލުން އިދާރީ މުއައްޒަފުން ބައިވެރިވެއެވެ.