ވިޔަފާރި

ކޮންޓްރޯލް އަގަށްވުރެ އިތުރަަށް ޝިޕިން އެޖެންޓުން ފީނަގާނަމަ ފިޔަވަޅުއަޅާނަން: ޓްރާންސްޕޯޓް


ކޮންޓްރޯލްކޮށްފައިވާ އަގަށްވުރެ އިތުރަށް ޝިޕިން އެޖެންޓުން ފީނަގާނަމަ އެކަން އެންގުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެދިއްޖެއެވެ.

ޝިޕިން އެޖެންސީއާބެހޭ ޤަވާއިދު އިސްލާހުކުރުމަށްފަހު އެ ޤަވާއިދަށް އަމަލުކުރަން ފަށާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވިދާޅުވީ، ޝިޕިން އެޖެންޓާއި ކޮންސައިނީއާއި ދެމެދު އެއްބަސްވެފައިވާ ޚިދުމަތުގެ އަގުގެ އިތުރަށް ފީނަގާނަމަ ފިޔަވަޅު އަޅާނެކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް އެއްހާސް ރުފިޔާ، ދެވަނަ ފަހަރަށް ދިހަހާސް ރުފިޔާ އަދި ދެފަހަރަށްވުރެ އިތުރުވެއްޖެނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކޮންޓްރޯލް ކޮށްފައިވާ އަގަށްވުރެ އިތުރަށް ޤަވާޢިދާ ޚިލާފަށް އެއްވެސް ފަރާތަކުން އަގުނަގާނަމަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ މެރިޓައިމް ޑިޕާޓުމަންޓަށް ނަންބަރ (7212719) ނުވަތަ އީމެއިލް އެޑްރެސް ([email protected]) އަށް ހުށަހެޅުއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ޝިޕިން ޤަވާއިދުގައިވާގޮތުން ޝިޕިން އެޖެންޓާއި ކޮންސައިނީއާއި ދެމެދު އެއްބަސްވެފައިވާ ޚިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާގޮތުން އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން އެއްވެސް ފީއެއް ނުވަތަ ޗާޖެއް ނުނެގޭނެއެވެ. އަދި ޑެލިވަރީ އޯޑަރ (ޑީ.އޯ) ޗާޖުގެ ގޮތުގައި ފުލް ކޮންޓެއިނަރަކަށް ނުވަތަ އެއަށްވުރެ ގިނަ ސީ.ބީ.އެމް ހިމެނޭ ބީ.އެލް އަކަށް ނަމަ ނެގޭނީ ހަތްސަތޭކަ ހަތްދިހަ އެއް ރުފިޔާއެވެ.

ފުލް ކޮންޓެއިނަރަކަށްވުރެ މަދުން ހުންނަ ބީ.އެލް އަކަށްނަމަ ނެގޭނީ ތިންސަތޭކަ އަށްޑިހަ ފަސް ރުފިޔާއެވެ. ފުލް ކޮންޓެއިނަރ ނުވަތަ އެއަށްވުރެ ގިނަ ސީ.ބީ.އެމް ހިމެނޭ މުދާ އަދި ފުލް ކޮންޓެއިނަރ އަށްވުރެ މަދުން ހުންނަ ބީ.އެލް ގައި ނުހިމެނޭ ބާވަތުގެ މުދަލަކަށް ދޫކުރެވޭ ޑެލިވަރީ އޯޑަރ އަކަށް ނެގޭނީ ތިންސަތޭކަ އަށްޑިހަ ފަސްރުފިޔާއެވެ.