ވިޔަފާރި

ސީޕްލޭން ޚިދުމަތަށް އިންޑިއާގައި ޑިމާންޑް ބޮޑު - މޯލްޑިވިއަން


ސީޕްލޭން ޚިދުމަތަށް އިންޑިއާގައި ޑިމާންޑް ބޮޑުކަމަށް އިންޑިއާގައި ސީޕްލޭން ޚިދުމަތް ފެށުމަށް ރާއްޖެއިން ދިޔަ މޯލްޑިވިއަންގެ ކުރޫއިން ބުނެފިއެވެ. އެޤައުމަށް ދިޔަ މޯލްޑިވިއަންގެ ސީޕްލޭން ކުރޫއިން މިހާރު ވަނީ އަނބުރައި ޤައުމަށް އައިސްފައެވެ.

މޯލްޑިވިއަންގެ ސީޕްލޭން ކެޕްޓަނާއި ކްރޫއިންގެ އެހީތެރިކަމާއިއެކު އިންޑިއާގައި ސީޕްލޭން ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިދިޔަ މަހުގެ 31ވަނަ ދުވަހު އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އިންޑިއާގައި ސީޕްލޭންގެ ޚިދުމަތް ދެނީ އެ ޤައުމުގެ ސްޕައިސްޖެޓް ކުންފުނިންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ސްޕައިސްޖެޓުން ޗާޓަރކޮށްގެން ގެންދިޔަ މޯލްޑިވިއަން ފްލައިޓްގެ ޕައިލެޓް އިން ކޮމާންޑް ފަޒްލޫން ހަމީދު ވިދާޅުވީ، މި ފްލައިޓް ގޮސްފައިވަނީ މާލެއިން ހަނިމާދޫއަށް ހަނިމާދޫއިން ކޮޗިންއަށް ކޮޗިންއިން ގޯއާއަށްކަމަށެވެ. އަދި ގޯއާގައި މަޑުކޮށްފައި ކެބާޑިއާއަށެވެ. އިންޑިއާގައި ސީޕްލޭން ޙިދުމަތް ފަށާފައިވަނީ ކެބާޑިއާއިން އަޙްމަދު އާބާދު ގައި އޮންނަން ސަބަރުމައްޗަށެވެ.

ފަޒްލޫން ވިދާޅުވީ، އިންޑިއާގައި ސީޕްލޭންގެ ޚިދުމަތަށް ވަރަށް ބޮޑު ޑިމާންޑެއް އޮތްކަން ފާހަގަވެފައިވާކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 2 ދަތުރުކުރާކަމަށް އޭނާ ވިދާޅުވިއެވެ. މިދަތުރުތައް ކޮށްފައިވަނީ މޯލްޑިވިއަނުން ދިޔަ 3 ކެޕްޓަނުން ބަހާލައިގެންނެވެ. އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށްވެސް މިއީ ކުރެވިދާނެކަމެއްކަން ހާމަވެގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ސްޕައިސްޖެޓުން އަޅުގަނޑުމެންނަށް އަންގަވަނީ ހަމަ ވަރަށް ޑިމާންޑް އެބައޮތޭ. އަސްލުގަ އަޅުގަނޑުމެން އޮކްޓޯބަރ 25ގައި ދިޔައީ ނޮވެމްބަރ 7ގައި އަންނަން. 7އާ ޖެހެންދެން އަޅުގަނޑުމެން އެބޭފުޅުން ވިދާޅުވި ދަތުރުތައް އެޅީ. ފަހުން ލަސްވެއްޖެ އަނެއްކާ ނޮވެމްބަރ 16އަށް. އެހެން ލަސްވަމުން ލަސްވަމުން މިދިޔަ ދިއުމަކީވެސް ހަމަ ޑިމާންޑް ހައި ވެގެން ސްޕައިސްޖެޓުން އައިލެންޑް އޭވިއޭޝަނާ ނެގޯޝިއޭޓްކޮށްގެން އެތަނުގައި ތިބޭ ތިބުން އެކްސްޓެންޑް ކުރެއްވީ. އަޅުގަނޑު ދަންނަވާނީ އިންޑިއާގެ ސީޕްލޭން އޮޕަރޭޝަންއަށް ރާއްޖޭގައި އޮންނަގޮތައް އެސްކޯޕް އެބައޮތޭ ވަރަށްބޮޑަށް ކޯރުތަކާއި ތަންތަނުގައި." ފަޒްލޫން ވިދާޅުވިއެވެ.

ފަޒްލޫން ވިދާޅުވީ، އޭނާގެ ކޮމާންޑްގައި ރާއްޖެ ހުރަސްކޮށް އެހެން ޤައުމަކަށް ދިއުމަކީ ލިބުނު ފަހުރެއްކަމަށާއި އެކަމާއި ވަރަށް އުފާވާކަމަށެވެ. އިންޑާއިން ސީޕްލޭން ޗާޓަރުކުރީ އައިލެންޑް އޭވިއޭޝަނަށް ވަރަށް އިތުބާރުކޮށްގެންކަމަށާ، އެއިރުވެސް މިކަން ކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށެވެ.

"އަޅުގަނޑުގެ ކޮމާންޑުގައި ދުވަހަކުވެސް އެއް ޤައުމުން އަނެއް ޤައުމަކަށް އަދި ނުދަން. ފުރަތަމަ މިކަން ރޭވެމުންއައިއިރުވެސް އެއްވެސް ޝައްކެއްނެތް ކުރެވޭނެކަމާމެދު. އަޅުގަނޑާ އެއްކޮށް ދެން އޮތީވެސް ވަރަށް ހުނަރުވެރި ކޭޕަބަލް ޓީމެއް. މިޓީމަށް ކުރެވޭނެކަމުގެ އެއްވެސް ޝައްކެތްނެތް." ފަޒްލޫން ވިދާޅުވިއެވެ.

އިންޑިއާގައި ސީޕްލޭން ޚިދުމަތް ފެށުމުގެ ގޮތުން އެޤައުމަށް ގެންދިޔަ މޯލްޑިވިއަންގެ ސީޕްލޭން އަނބުރާ ޤައުމަށް އައުމާއިއެކު އިންޑިއާގެ ސީޕްލޭންގެ ޚިދުމަތް މިވަގުތު އޮތީ މެދުކެނޑިފައެވެ. ނަމަވެސް ކުރިއަށްއޮތްތަނުގައި އައިލެންޑް އޭވިއޭޝަންއާއި ސްޕައިސްޖެޓް ގުޅިގެން ދިގުމުއްދަތަކަށް މޯލްޑިވިއަންގެ ފްލައިޓް ޗާޓަރ ކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.