ޚަބަރު

ފައިސާގެ އިނާމްތަކަކާއެކު ޒުވާނުންނަށް ޚާއްސަ ވީޑިއޯގްރަފީ ވޯކްޝޮޕެއް


ޒުވާނުން އެޗް.އައި.ވީ އެއިޑްސްއަށް ހޭލުންތެރި ކުރުމަށް ޚާއްސަކޮށްގެން ސްމާޓްފޯން ވީޑިއޯގްރަފީ ވޯކްޝޮޕެއް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުގައި ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

"ސްމާޓްފޯން ވީޑިއޯގްރަފީ ވޯކްޝޮޕް ފޯ ޔޫތް"ގެ ނަމުގައި ޑަބްލިޔޫ.އެޗް.އޯގެ އެހީތެރިކަމާއެކު ހެލްތު ޕްރޮތެކްޝަން އެޖެންސީ، އެޗް.ޕީ.އޭއާއި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމް.އެމް.އައި ގުޅިގެން ކުރިއަށްގެންދާ މި ވޯކްޝޮޕް އަމާޒުކޮށްފައިވަނީ އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

އެޗް.އައި.ވީ އެއިޑްސްއަށް ޒުވާނުން ހޭލުންތެރި ކުރުމަށް ބޭނުންވާ ވީޑިއޯ ކޮންޓެންޓް އުފައްދަން ދަސްކޮށްދޭ މި ވޯކްޝޮޕް ފުރިހަމަކޮށް ސޯޝަލް މީޑިއާގައި ދައުރުކުރުމަށް އެންމެ ރަނގަޅު ވީޑިއޯ ކޮންޓެންޓް ހުށަހަޅާ ފަރާތަކަކަށް ފައިސާގެ އިނާމުތަކެއް ދިނުމަށްވެސް ނިންމާފައިވެއެވެ. އެގޮތުން 1 ވަނައަށް ދާ ފަރާތަކަށް -/1500 ރުފިޔާ، 2 ވަނަ އަށް ދާ ފަރާތަކަށް -/1000 ރުފިޔާ އަދި 3 ވަނަ އަށް ދާ ފަރާތަކަށް -/500 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.

ވޯކްޝޮޕްގައި ބައިވެރިވާ ފަރާތްތަކަށް އެޗް.އައި.ވީ އެއިޑްސްއަށް ހޭލުންތެރިކުރުމުގެ އިތުރުން، މިބައްޔަށް ހޭލުންތެރިކުރުވުމަށް ސްމާޓް ފޯނު މެދުވެރިކޮށް ކޮންޓެންޓް އުފެއްދުމަށް ދަސްކޮށްދެވޭނެކަމަށް އެމް.އެމް.އައި އިން ވިދާޅުވެއެވެ. އޭގެތެރޭގައި ވީޑިއޯ ޝޫޓުކުރުމާއި، އެޑިޓު ކުރުމާއި، ސްޓޯރީ ބޯޑް ތައްޔާރު ކުރާނެ ގޮތް އަދި ކަމާގުޅޭ ތަފާތު އުކުޅުތައް ދަސްކޮށްދެވޭނެކަމަށްވެސް އެމް.އެމް.އައިއިން ވިދާޅުވެއެވެ.

ވޯކްޝޮޕްގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ހަވީރު 4:00އެވެ. ވޯކްޝޮޕްގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި -/100 ރުފިޔާ ދައްކަންޖެހޭނެއެވެ.

ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެމް.އެމް.އައިގެ ފޭސް ބުކް ޕޭޖަށް ޒިޔާރަތްކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ވޯކްޝޮޕާއި ގުޅޭ އިތުރު މަޢުލޫމާތުތައްވެސް އެމްއެމްއައިގެ ފޭސްބުކް ޕޭޖުން ލިބޭނެއެވެ.