ޚަބަރު

12ރަށެއްގެ ނަރުދަމާގެ ޑިޒައިނާއި ޓެންޑާ ޑޮކިއުމެންޓް ތައްޔާރުކުރީ


12 ރަށެއްގައި
ގާއިމްކުރާ ނަރުދަމާ ނިޒާމްތަކުގެ ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓްތައް
ތައްޔާރު ކުރުމަށް ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.



މިއަދު އެންވަޔަރމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި
މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައިވަނީ ގްރީންޓެކް ޕްރައިވެޓް ލިމިޓެޑް އަދި
ރިޔަން ޕްރައިވެޓް ލިމިޓެޑާއެވެ. ގްރީންޓެކާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން
ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓްގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ
ހދ. ވައިކަރަދޫ، ށ. ފޭދޫ، ކ. ދިއްފުށި، ގއ. ކަނޑުހުޅުދޫ، ގއ. މާމެންދޫ އަދި ގދ. ފަރެސްމާތޮޑާގައެވެ.
ރިޔަން ކޮމްޕެނީއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ނަރުދަމާ ނިޒާމުގެ ޑިޒައިން
އަދި ޓެންޑަރ ޑޮކިއުމަންޓްގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ ހއ. އުތީމު،
ބ. ކެންދޫ، ޅ. ކުރެންދޫ، ކ. ގުޅި، އދ. އޮމަދޫ އަދި ދ. ބަނޑިދޫގައެވެ. މި
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރމަންޓް މިނިސްޓަރ ތާރޤް
އިބްރާހިމް ވިދާޅުވީ، މުއްދަތު ހަމަވުމުގެ ކުރިން މަސައްކަތްތައް ނިންމާލެވޭނެ
ކަމަށް އުންމީދުކުރައްވާ ކަމަށާއި، އުންމީދަކީ ވީހާވެސް އަވަހަކަށް ނަރުދަމާތަކުގެ
އަމަލީ މަސައްކަތްތައް ފެށިގެން ދިއުން ކަމަށެވެ.



" ކޮންޓްރެކްޓުގެ މުއްދަތަކީ މުޅިއެކު 6 މަސް ދުވަސް. އެހެންނަމަވެސް
އަޅުގަނޑު ޤަބޫލު ކުރާގޮތުގައި، މިމަސައްކަތް ފުދޭވަރަކަށް އަވަހަކަށް
ކުރެވިގެންދާނެ. އެ ރަށްރަށުގެ ބޭފުޅުން ނުވަތަ ކައުންސިލާއި ރައްޔިތުން
އެބޭފުޅުންނަށް އެއްބާރުލުން ދެއްވައިފިނަމަ ފުދޭވަރަކަށް އަވަހަށް މަސައްކަތް
ކުރެވިގެން ދާނެކަން ޔަގީން. " ތޯރިޤް ވިދާޅުވިއެވެ.



" އަޅުގަނޑު މިއަދު މިތަނަށް ވަޑައިގެން ތިއްބެވި އެމްޕީ އިންނަށްވެސް
ދަންނަވާލަން ބޭނުންވަނީ، ރަށުގައި މަސައްކަތް ކުރާއިރު، އެރަށްރަށުގެ
ކައުންސިލާއި އަދި ރައްޔިތުންވެސް (މިމަސައްކަތުގެ) ކޮންސަލްޓަންޓުންނަށް ފަސޭހަ
ވާނޭގޮތަކަށް މަގުފަހި ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކޭ." ތޯރިޤް
ވިދާޅުވިއެވެ.



ބާރަ ރަށުގެ ނަރުދަމާ
ނިޒާމްތައް ޑިޒައިންކޮށް، ޓެންޑަރ ޑޮކިއުމަންޓްތައް ތައްޔާރު ކުރުމަށް ދޭއް
ޕޮއިންޓް ނުވައެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް އެންވަޔަރމަންޓް
މިނިސްޓްރީން ލަފާކުރެއެވެ. މި މަސައްކަތްތައް ނިންމުމަށް ދީފައިވަނީ 6
މަސްދުވަހުގެ މުއްދަތެކެވެ.