ޚަބަރު

ޓެރަރިސްޓް ހަމަލާއެއް ދޭންއުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި


ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ ހަރަކާތް ރޭވުމުގައި ބައިވެރިވިކަމަށް ތުހުމަތު ގައި އިއްޔެ ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ. މިގޮތުން މިމައްސަލާގައި އިއްޔެ ތިމަރަފުށީން ހައްޔަރުކުރި ދެމީހުންގެ ބަންދަށް 7 ދުވަސް ޖަހާފައިވާކަމށް ފުލުހުން ވިދާޅުވެއެވެ. މިދެމީހުންގެ ތެރެއިން އެކަކީ ތިމަރަފުށީ އެއާޕޯޓުގައި މަސައްކަތް ކުރަމުންދާ މީހެކެވެ. އަދި އަނެއް މީހާއަކީ ތ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރެކެވެ.

މިމައްސަލާގައި ކުރިން ހައްޔަރުކުރި 5 މީހުންގެ ބަންދަށް އަނެއްކާވެސް ވަނީ 15 ދުވަސް އިތުރުކޮށްފައެވެ. ޓެރަރިޒަމްގެ މިއަމަލު ހިންގަން އުޅުނު މިމައްސަލައިގައި އެންމެ ފުރަތަމަ 5 މީހަކު ހައްޔަރުކޮށްފައި ވަނީ މިހިނގާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ.

މިމައްސަލައާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް ދެއްވި ބަސްދީގަތުމުގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ތިމަރަފުށިން ހައްޔަރުކޮށްފައި ވަނީ އެކަމުގައި އެރަށުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތު ކުރެވޭ މީހާކަމަށެވެ. އަދި މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދޯންޏެއް ގެނެސްފައިވާ ކަމަށާއި އިތުރުތަންތަން ބަލައި ފާސްކުރަމުން ދާކަމުގައިވެސް ރިޔާޒު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ހަރުކަށި ފިކުރުގެ މީހުން ހިންގުމަށް ރާވަމުން ދިޔަ ޓެރަރިޒަމްގެ އަމަލުތަކެއް ފުލުހުން ހުއްޓުވާފައި ވެއެވެ.