ޚަބަރު

ކަނޑުއުޅަނދުފަހަރު އިންޝުއަރކޮށް ސީވަރދިނަސް ހަދަންނިންމައިފި


ކަނޑު އުޅަނދުފަހަރު އިންޝުއަރެންސް  ކުރުމާއި ސީވަރދިނަސް ހެދުން ލާޒިމްކޮށް،  ކެޕްޓަނުންނާއި ފަޅުވެރިން އެކަށީގެންވާ ފެންވަރުގެ ކޯހެއް ފުރިހަމަކުރުމަށްފަހު ލައިސަންސް ދޫކުރާގޮތަށް، ބަދަލުތަކެއް ގެނައުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފިއެވެ.ޓްރާންސްޕޯޓް އޮތޯރިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، މިދިޔަ އިދު ބަންދު ދުވަސްވަރާއި، ކަނޑުގަދަ ވެގެން ދިޔަ ދުވަސްވަރު ހިނގި ކަނޑުމަތީގެ ހާދިސާތަކުގައި އާންމު ރައްޔިތުންނަށާއި، އުޅަންދުފަހަރަށް ލިބުނު ގެއްލުންތައް ދިރާސާކޮށް ބެލި ބެލުމުން ކަމާގުޅުންހުރި މުއައްސަސާތަކުން ގުޅިގެން ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.ކޯސްޓްގާޑާއި، މެރިން ޕޮލިސް އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ ފަންނީ މާހިރުންގެ ލާފަޔާއެކު ގެންނަ ބަދަލުތަކުގެ ގޮތުގައި ހިމެނެނީ، އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު ކަނޑުގައި ދުއްވާ ހުރިހާ އުޅަންދުފަހަރެއް އިންޝުއަރެންސް ކުރުމާއި، އެއުޅަންދުތަކުގެ ސީވަރދިނަސް ނުވަތަ، އެ އުޅަނަދަކީ ކަނޑުގައި ދުއްވަން އެކަށީގެންވާ އުޅަނދެއްތޯ ބެލުން ކޮންމެހެން ކުރަން ޖެހޭކަމެއްގެ ގޮތުގައި ތާރަފްކުރުމެވެ. އެގޮތުން ސީވަރދިނަސް ހެދުން ޓްރާންސްޕޯޓް އޮތޯރިޓީން ކުރާ ކަމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް އެމަސައްކަތް ކުރެވޭނެ އެކަށީގެންވާ ފަރާތްތަކާއި ހަވާލުކޮށްގެން ސީވަރދިނަސް ހެއްދޭގޮތަށް ބަދަލުކުރުމާއި، ކެޕްޓަނުންނާއި ފަޅުވެރިން ކަމާއި ގުޅުންހުރި ދާއިރާގެ ކޯހެއް ފުރިހަމަކުރުމުން ނޫނީ އެފަރާތްތަކަށް ލައިސަންސް ދޫނުކުރުމާއި،  އެކަށީގެންވާ ކްލިއަރެންސް ނިޒާމެއް ގާއިމް ކުރުންވެސް ހިމެނެއެވެ.މިނިސްޓަރ ސައީދު ވިދާޅުވީ، މިގޮތަށް ބަދަލު ގެންނައިރު، އޮޑިވެރިންނާއި، ކެޕްޓަނުން އަދި ފަޅުވެރިންނަށް ވީ އެންމެ ފަސޭހަ ގޮތަކަށް މިތަމްރީނުތަކާއި، ބަދަލުތަށް ގެނެވޭނެ އިންތިޒާމް ރާއްޖޭގެ އެކި ސަރހައްދުތަކުގައި ފަހިކޮށްދެއްވާނެކަމަށެވެ.މިގެންނަ ބަދަލުތަކުގެ ތަފްސީލީ މަޢުލޫމާތު ކުރިއަށްއޮތް ހަފްތާތެރޭގައި ޢާންމުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން މަޢުލޫމާތު ހިއްސާކުރައްވާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މަޢުލޫމާތުދެއެވެ.