ޚަބަރު

ކޯވިޑް-19 ފެތުރެންފެށި ގޮތުގެ އަސްލު އިތުރަށް ދިރާސާކުރާނެ: ޑަބްލިއުއެޗުއޯ


ކޯވިޑް-19 ފުރަތަމަ ފެތުރެންފެށީ ޗައިނާގައި ނޫންކަމަށް ބުނުމަކީ އެކަމާއިގުޅޭ ހެއްކެއް ނެތި ކުރެވޭ އަންދާޒާއެއްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނެފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ފެނިފައިވަނީ ޗައިނާގެ ހޫބެއި ޕްރޮވިންސުގެ ވުހާން ސިޓީއިންނެވެ.

ޗައިނާގެ ދަޢުލަތުގެ ނޫސް އިދާރާ މެދުވެރިކޮށް އެ ޤައުމުން މިހާރު ބުނަމުންދަނީ އެ ޤައުމުން ބަލި ފެނުމުގެ ކުރިން އެހެން ޤައުމުތަކުގައި އެ ބަލި ފެތުރެމުންދިޔަކަމަށެވެ. އެކަމަށް ބާރު ދިނުމުގެ ގޮތުން އެ ޤައުމުން ބުނީ ބޭރު ޤައުމުތަކުން އެތެރެކުރާ ގަނޑުކުރި ކާނާ ބަންދުކޮށްފައި ހުންނަ ޕެކޭޖިންގުން ބަލިޖައްސާ ވައިރަސް ފެންނަ ކަމަށެވެ. މިދިޔަ އަހަރުގެ ތެރޭގައި ވިލާތުގައި ބަލި ފެތުރެމުންދިޔަކަމަށް ބުނާ ބައެއް ދިރާސާތަކުންވެސް އެކަމަށް ބާރުދޭކަމަށް ޗައިނާއިންދަނީ ބުނަމުންނެވެ.

ނަމަވެސް ޑަބްލިއުއެޗުއޯގެ ކުއްލި ޙާލަތްތަކާއިބެހޭ އެންމެ އިސް މާހިރު، މައިކް ރަޔާން ވިދާޅުވީ ޗައިނާ ނޫން ޤައުމަކުން ބަލި ފެތުރެން ފަށައިފައިވާކަމުގެ ހެއްކެއް މިހާތަނަށް ލިބިފައިނުވާކަމަށެވެ. އާންމު ސިއްޙަތުގެ އުސޫލުތަކުގެ ދަށުން ބައްޔެއް ފެތުރެން ފެށުމުން ފުރަތަމަ ތަހުގީގު ފަށާނީ އެ ބައްޔެއް ފުރަތަމަ ފެނުނު ތަނުންކަމަށާއި އެއަށްފަހު ތަހުގީގު ފުޅާވާވަރަކަށް އެހެން ސަރަޙައްދުތަކާއި ގުޅުންހުރި ހެކިތައް ފެނުން އެކަށީގެންވާކަމަށެވެ. އޭނާ ވިދާޅުވީ ވައިރަސް އެންމެ ފުރަތަމަ ފެނުނު ސީފުޑް ވިއްކާ މާރުކޭޓަށް ވައިރަހުގެ އަސްލާއިގުޅޭ ދިރާސާތައް ކުރުމަށް ރިސާޗަރުން ފޮނުވާނެކަމަށެވެ.