ޚަބަރު

ޓެރަރިސްޓް ހަމަލާއެއް ދޭންއުޅުނުކަމުގެ ތުހުމަތުގައި އިތުރު 2 މީހަކު ހައްޔަރުކޮށްފި


ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ ހަރަކާތް ރޭވުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ އިތުރު 2 މީހަކު ހައްޔަރުކޮށްފިއެއެވެ.

ފުލުހުން ބުނެފައި ވަނީ މިދެމީހުންވެސް ހައްޔަރުކޮށްފައި ވަނީ ތިމަރަފުށިން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ތެރެއިން އެކަކީ ތިމަރަފުށީ އެއާޕޯޓުގައި މަސައްކަތް ކުރަމުންދާ މީހެކެވެ. އަދި އަނެއް މީހާއަކީ ތ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރެކެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގަންއުޅުނުކަމުގެ ތުހުމަތުގައި މީގެކުރިން ހައްޔަރުކުރި 6 މީހުންގެ ބަންދުގެ މުއްދަތު މިމަހުގެ 12 ވަނަ ދުވަހު ވަނީ ޖަހާފައެވެ.

ފުލުހުން ވިދާޅުވީ މިމައްސަލާގައި ހައްޔަރުކުރި 18 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް ޖަހާފައިވާއިރު، ދެންތިބި އެންމެންގެ ބަންދަށް ޖަހާދީފައިވަނީ 15 ދުވަސްކަމަށެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 31 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

ޓެރަރިޒަމްގެ މިއަމަލު ހިންގަން އުޅުނު މިމައްސަލައިގައި އެންމެ ފުރަތަމަ 5 މީހަކު ހައްޔަރުކޮށްފައި ވަނީ މިހިނގާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ.

މިމައްސަލައާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް ދެއްވި ބަސްދީގަތުމުގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ތިމަރަފުށިން ހައްޔަރުކޮށްފައި ވަނީ އެކަމުގައި އެރަށުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތު ކުރެވޭ މީހާކަމަށެވެ. އަދި މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދޯންޏެއް ގެނެސްފައިވާ ކަމަށާއި އިތުރުތަންތަން ބަލައި ފާސްކުރަމުން ދާކަމުގައިވެސް ރިޔާޒު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ހަރުކަށި ފިކުރުގެ މީހުން ހިންގުމަށް ރާވަމުން ދިޔަ ޓެރަރިޒަމްގެ އަމަލުތަކެއް ފުލުހުން ހުއްޓުވާފައި ވެއެވެ.