ޚަބަރު

އިބްރާހީމް ޢުމަރު މަނިކު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ


މާފަންނު ސައްކެޔޮގަސްދޮށުގޭ ޑޮކްޓަރ އިބްރާހީމް ޢުމަރު މަނިކު އަވަހާރަވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޑޮކްޓަރ އިބްރާހީމް ޢުމަރު މަނިކުގެ ބޭބެ މުޙައްމަދު ޢުމަރު މަނިކަށް ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި، މިޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ޑޮކްޓަރ އިބްރާހީމް ޢުމަރު މަނިކަކީ، ސެންޓްރަލް ހޮސްޕިޓަލަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި، ހަމައެއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށްވެސް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.

ޑޮކްޓަރ އިބްރާހީމް ޢުމަރު މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި މިއަދު ހެނދުނުއެވެ. އަވަހާރަވިއިރު ޢުމުރަކީ 68 އަހަރެވެ. އަލްމަރްޙޫމް ޑޮކްޓަރ އިބްރާހީމް ޢުމަރު މަނިކަކީ، ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރެވެ. ސެންޓްރަލް ހޮސްޕިޓަލްގެ ސީނިއަރ ހައުސް އޮފިސަރ އިން އެނިސްތީޒިއާކަން ދެއްވީ 16 އޮކްޓޫބަރު 1982 ގައެވެ. ހޮސްޕިޓަލްގެ ވަޒީފާއިން 21 އޭޕްރިލް 1988 ގައި ވަކިވެވަޑައިގެންނެވިރު ހުންނެވީ ސީނިއަރ ރަޖިސްޓްރާރ އިން އެނިސްތީޒިއޮލޮޖީގެ މަގާމުގައެވެ.

އަލްމަރްޙޫމް ޑޮކްޓަރ އިބްރާހީމް ޢުމަރު މަނިކަކީ، ޔުނިވަރސަލް އެންޓަރޕްރައިޒަސް ލިމިޓެޑުގެ އެއް ޑައިރެކްޓަރުވެސް މެއެވެ. އަދި މާލޭ އެރޭޓޭޑް ވޯޓަރ ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް އުފެއްދެވީވެސް އިބްރާހީމް ޢުމަރު މަނިކެވެ. ކޮކާކޯލާގެ އުފެއްދުންތައް ރާއްޖެއަށް ގެންނެވުމުގައިވެސް ވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.

އިޤްތިޞާދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން 1998 ވަނަ އަހަރު އެ ކުންފުންޏަށްވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ސަރުކާރުން ދެއްވާފައެވެ. އެ ކުންފުނީގެ މަސައްކަތް ފުރަތަމަ ފެށުނީ 1983 ވަނަ އަހަރުއެވެ.