ޚަބަރު

އެމް.އެން.ޑީ.އެފްގެ ދަ ބޭސިކް ސްކޫލް ރައީސް ހުޅުއްވައިދެއްވައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ދަ ބޭސިކް ސްކޫލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޅ.މާފިލާފުށްޓަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ރަށުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އެޑިއުކޭޝަން ކޮމާންޑުގެ ދަށުން ޤާއިމުކޮށްފައިވާ ދަ ބޭސިކް ސްކޫލް (ޓީ.ބީ.އެސް) ހުޅުއްވައިދެއްވާފައި ވަނީ މިއަދު މެންދުރު މާފިލާފުށީގެ ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ޙަފުލާއެއްގައެވެ.

ޓީ.ބީ.އެސް.އަކީ އެމް.އެން.ޑީ.އެފް.ގެ އެޑިއުކޭޝަން ކޮމާންޑުގެ ދެ ބްރާންޗުގެ ތެރެއިން އަސްކަރީ ހުނަރުތަކުގެ ތަމްރީނުތައް ހިންގާ ޓްރެއިނިންގ ބްރާންޗެވެ. މިއީ އަސްކަރިއްޔާގެ އެންމެ އަސާސީ ތަމްރީނާއި، އަސްކަރީ ބޭސިކް ސްކިލްސްގެ ދާއިރާތަކުން މުދައްރިބުން ބިނާކުރުމަށްޓަކައި ހިންގާ ތަމްރީނުތައް ހިންގުމަށް އުފައްދާފައިވާ ޚާއްޞަ ސްކޫލެކެވެ.

އެ ސްކޫލް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަރުކަޒުގެ ބައެއް ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވާފައެވެ. އެގޮތުން އެ މަނިކުފާނު ވަނީ އެތަނުގެ އެޑްމިން ބްލޮކަށް ޒިޔާރަތްކުރައްވާ އެތަން ބައްލަވައިލައްވާފައެވެ. އެޑްމިން ބްލޮކަކީ ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރުގެ ފުރަތަމަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ ނޮދަރން އޭރިޔާ ހެޑްކުއާޓަރޒް އަދި ހުރިހާ ތަމްރީނުތަކެއްގެ އިދާރީ ހިންގުން ބަލަހައްޓާ މައި އޮފީހެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރުގެ ކޮމްޕައުންޑަށް ވަޑައިގެން އެތަން ވެސް ބައްލަވައިލައްވާފައެވެ. އެތަނަކީ އަސާސީ ތަމްރީނު ދިނުމަށް ޚާއްޞަކޮށްގެން އެއްފަހަރާ 190 ދަރިވަރުންނަށް ތަމްރީނު ދެވޭ ގޮތަށް ބިނާކޮށްފައިވާ ތަނެކެވެ. އެ ތަނުގައި ދަރިވަރުންނަށް ބޭނުންވާނެ ހުރިހާ އަސާސީ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ.

ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރ ބައްލަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގައި ހަނދާނީ ރުކެއް ވެސް އިންދަވައިދެއްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.