ޚަބަރު

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށާއި، ކްރިމިނަލް ކޯޓްގެ އިސް ޤާޟީކަމަށް ބޭފުޅުން އައްޔަންކުރައްވައިފި


ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށާއި، ކްރިމިނަލް ކޯޓުގެ އިސް ޤާޟީކަމަށް ދޭބޭފުޅުން އައްޔަންކުރައްވާ މަޤާމުގެ ފަތްކޮޅު އަރުވައިފިއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަނުކުރައްވާފައި ވަނީ ޑޭޒީފެހި، އަލްއުސްތާޛު ހާތިފް ޙިލްމީއެވެ. އަދި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ކަމަށް އައްޔަންކުރައްވާފައި ވަނީ އއ.ފެރިދޫ، ސިޔާމާ މަންޒިލް، އަލްއުސްތާޛު އަޙްމަދު ޝަކީލެވެ.

ޖޭއެސްސީން ވިދާޅުވީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަދި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ކަމަށް ކުރިމަތިލުމަށް އިޢުލާނުކުރުމުން ކުރިމަތިލެއްވި ބޭފުޅުން "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން އިންޓަރވިއުކުރުމަށްފަހު އެކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައި އެދެބޭފުޅުން އައްޔަނުކުރުމަށް ލަފާދެއްވާފައި ވާކަމަށެވެ. މިއަދު އިސްފަނޑިޔާރުކަމަށާއި، އިސް ޤާޟީކަމަށް އައްޔަންކުރެއްވި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވާފައި ވަނީ ޖޭއެސްސީ ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ހިސާން ހުސެއިންނެވެ.

މިބޭފުޅުންގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް އައްޔަނުކުރި އަލްއުސްތާޛު ހާތިފް ޙިލްމީއަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީން ބެޗްލަރ އޮފް ލޯ ހާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 10 އަހަރު އަދި ހައިކޯޓުގެ ފަނޑިޔާރު ކަމުގައި 11 މަސް ދުވަހު އޭނާ ވަނީ ޚިދުމަތްކުރައްވާފައެވެ.

ފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީ ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ސްޓޭޓް އެޓަރނީކަމާއި މަދަނީ ކޯޓުގެ ޤާޟީކަމާއި، ސިވިލް ކޯޓުގެ ޤާޟީކަމުގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީ ވަނީ ޤާނޫނީ ވަކީލެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ.

ކްރިމިނަލްކޯޓުގެ އިސް ޤާޟީގެ މަޤާމަށް އައްޔަނުކުރެއްވި އަލްއުސްތާޛު އަޙްމަދު ޝަކީލް ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީޢާ އަދި ޝަރީޢާ އިން މާސްޓަރސް ހާޞިލްކުރައްވާފައެވެ. މީގެ އިތުރުން އަލްއުސްތާޛު އަޙްމަދު ޝަކީލަކީ ފަނޑިޔާރުކަމުގައި 17 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ކުރިން މަސައްކަތްކުރެއްވި ކޯޓުތަކުގެ ތެރޭގައި ޖުވެނައިލްކޯޓާއި، ސިވިލްކޯޓު އަދި ފެމިލީކޯޓާއި ކްރިމިނަލްކޯޓު ހިމެނެއެވެ.