ވިޔަފާރި

ދެކުނަށް ކުރާ ކާގޯ ފެރީ ޚިދުމަތާއި އެކު އިޤުތިޞާދީ ނަފާ އިތުރުވާނެ!


ރާއްޖޭގެ އަތޮޅުތަކަށް ބައިނަލްއަޤުވާމީ ކާގޯ ފެރީގެ ޚިދުމަތް، ފެށުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މިއަމާޒަށް ވާސިލުވުމަށްޓަކައި، އިންޑިއާގެ ކޮޗިން އާއި ހދ ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ފަށާފައެވެ. އަދި ރާއްޖޭ އެންމެ ދެކުނަށް ބައިނަލްއަޤުވާމީ ކާގޯ ފެރީގެ ޚިދުމަތް ފެށުމަށްޓަކައި މިހާރު އިންޑިއާގެ ޓުޓިކޮރިން އަށް ބޯޓު ވަނީ ދަތުރު ފަށާފައެވެ. އަދި މިމަހުގެ 26 ވަނަ ދުވަހު ބޯޓު އިންޑިއާއަށް ބަނދަރު ކުރާނެއެވެ.

މިއީ ދެކުނުގެ ވިޔަފާރިވެރިންނަށް އަގުހެޔޮކޮށް ވިޔަފާރި މުދާ ލިބުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ޤައުމީ ޝިޕިންގް ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިންގް(އެމްއެސްއެސް)އިން ވިދާޅުވީ، ކޮންމެ 20 ދުވަހަކުން އިންޑިއާގެ ޓުޓިކޮރިންގ އާއި ރާއްޖެ އާއި ދެމެދު ކާގޯ ދަތުރެއް ކުރާނެ ކަމަށެވެ. އަދި އެކުންފުނިން ވަނީ ކާގޯ ފެރީއަށް މުދާ އެރުވުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލާފައެވެ. އަދި އެ ބޯޓު ޑިސެމްބަރު މަހު ކުރީކޮޅު އައްޑޫއަށް އަންނާނެ ކަމަށް އެކުންފުނިން ވަނީ ލަފާކޮށްފައެވެ.

ޕީއެސްއެމްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހިތަދޫ ޕޯޓު ލިމިޓެޑްގެ މެނޭޖަރ އިބްރާހީމް ރަޝީދު ވިދާޅުވީ، މިހާރު އޮތް ގޮތުން މާލެއަށް ބާލާ މުދާ އައްޑޫ ނުވަތަ ދެކުނުގެ އެހެން އަތޮޅަކަށް ގެނައުމުގައި ޑޮމެސްޓިކް ކާގޯ ފީތައް އިތުރުވެގެންދާ ކަމަށެވެ. އެކަމުގެ ސަބަބުން މުދަލުގެ އަގުތައް ބޮޑުވެގެން ދެއެވެ.

" މިހާރު މިއޮންނަ ގޮތުން އެމްޕީއެލް ޕޯޓުގައި ޓްރާންސިޓް ވެފަ މުދާ އައްޑޫ އާއި ހިސާބަށް މިއަންނަނީ. އެހެންވުމުގެ ސަބަބުން ރާއްޖެއިން ބޭރުން ގެންނަ މުދާ، މާލެއިން މިހާހިސާބަށް ގެނައުމަށް ޑޮމެސްޓިކް ކާގޯ ޗާޖުގެ ގޮތުގައި، ރާއްޖެއަށް މުދާ އެތެރެކުރުމަށް ކުރާ ޚަރަދާއި ގާތްގަނޑަކަށް އެއްވަރަށް ޚަރަދު ކުރަން އެބަޖެހޭ." އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ، ސީދާ އަތޮޅަށް މުދާ ގެނެވޭ ގޮތްވުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ވަރަށް ބޮޑުލުޔެއް ލިބި އަދި އެންމެ ބޮޑަށް ލުއި ވެގެންދާނީ ރައްޔިތުންނަށް ކަމަށެވެ.

އިބުރާހިމް ރަޝީދު އިތުރަށް ވިދާޅުވީ މިބޯޓު އައްޑުއަށް އައުމާއި އެކު ހިތަދޫ ޕޯޓު ލިމިޓެޑްގެ ވިޔަފާރިވެސް ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ. އަދި މިހާރު ޤާނޫނީ ގޮތުން ލިބިފައި ހުރި ލުއިތަކާއި އެކު އައްޑޫގެ ރައްޔިތުންނަށް ލިބޭ ނަފާ އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑީއާގެ ޓުޓިކޮރިން އާއި ރާއްޖެ އާއި ދެމެދު ދަތުރުތައް ކުރާނީ ޤައުމީ ޝިޕިންގ ކުންފުނީގެ، އެމްވީ ބޮންތި 2 ކާގޯ ބޯޓެވެ. މިއީ ދިގުމިނުގައި 86 މީޓަރު ހުންނަ ބޯޓެކެވެ. މިބޯޓުގައި 2719 ޓަނުގެ މުދާ އުފުލޭނެއެވެ. މިބޯޓުން ބަލްކް ކާގޯ، އެލްއެލްސީ އަދި ފިނިކުރި މުދާވެސް ގެނެވޭނެ ކަމަށް އެމްއެސްއެސް އިން ބުނެއެވެ.