ވިޔަފާރި

މިފްކޯގެ އިތުރު ބޯޓެއް މަރާމާތަށްފަހު މަސްކިރަންފެށުމާއި އެކު އުތުރުގެ މަސްވެރިންނަށް ލުޔެއް


އުތުރުގެ މަސްވެރިކަން ރަނގަޅު ވަމުން އަންނަ އިރު، މަސްވެރިންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން މިފްކޯގެ އިތުރު ބޯޓެއް މަރާމަތަށް ފަހު މަސްކިރުވުމަށް ބޭނުންކުރަން ފަށައިފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޯޕަރޭޝަން މިފްކޯއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ރަންދި-20، މަރާމާތު ކުރުމަށްފަހު 8 އަހަރު ފަހުން މަސްވެރިކަމަށް ނެރެވިފައި ވާކަމަށެވެ. މިބޯޓަށް މަދުވެގެން 38 ޓަނުގެ މަސް ކިރޭނެކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. މިބޯޓު މަސްކިރުމަށް ނެރުމާއި އެކު މިއީ އުތުރުގެ މަސްވެރިންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއް ކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިފްކޯގެ ބޯޓުތަށް މަރާމާތު ކުރުމުގެ މަސައްކަތް މިދިޔަ އަހަރުންފެށިގެން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު އުތުރުގެ މަސްވެރިކަން ރަނގަޅުވަމުން އަންނައިރު، މަސްވެރިންނަށް އުތުރުގައި ދިމާވާ އެންމެ ބޮޑު ދަތިކަމަކީ، މަސް ކިރުވުމުގައި ހުރި ދަތިތައްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދެކުނު ސަރަހައްދުގައި އޮންނަ މަސްކިރާ ބޯޓު އުތުރުގެ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު ގެންނަން ޖެހޭ ކަމަށާއި، އެހެން ގެންނައިރު ގިނަ ދިގުދަތުރެއް ކުރަންޖެހޭ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިފްކޯއިން މައުލޫމާތު ދިން ގޮތުގައި މިހާރު އެކުންފުނީގައި މަސްކިރުވުމަށް ބޭނުން ކުރާ 10 ބޯޓު އޮވެއެވެ. އޭގެ އިތުރުން ސްޓޯރޭޖް އަދި ފްރީޒް ބޯޓުތަކާއި އެކު މުޅި ޖުމްލަ 14 ބޯޓު މިފްކޯގެ ފްލީޓުގައި އޮންނަ ކަމަށް މިފްކޯއިން ބުނެއެވެ. މީގެތެރެއިން މަސްކިރުވުމުގައި އުތުރުގައި ހަރަކާތްތެރިވަނީ އެންމެ 2 ބޯޓު ކަމަށް ވެސް މިފްކޯއިން ބުނެއެވެ.

އިސްމާއިލް ފައުޒީ އިތުރަށް ވިދާޅުވި ގޮތުގައި، މިފްކޯގެ މިހާރު އަމާޒަކީ މަސްވެރިންނަށް އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ފެލިވަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި މިކަމުގެ ސަބަބުން ޅ. އަތޮޅު އަދި އުތުރުގެ މަސްވެރިންނަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްވެރިންނަށް އިތުރަށް ލުއި ހޯދައި ދިނުމުގެ ގޮތުން މިފްކޯއިން ވަނީ، މަސް ގަންނަ އަގަށާއި ޑީސަލް ވިއްކާ އަގަށް ބަދަލުތަކެއްވެސް ގެނެސްފައެވެ.