ޚަބަރު

ރައީސް ފާދިއްޕޮޅަށް ކުރައްވާ ދަތުރުފުޅުގައި މަސްވެރިންނާއި ބައްދަލުކުރައްވާނެ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާދިއްޕޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިއަދު ޅ. މާފިލާފުށްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ވަނީ ޝަރަފުވެރިކޮށްދެއްވާފައެވެ. އަދި ސިފައިންގެ ކޮންޕޯސިޓް ޓްރެއިނިންގ ސެންޓަރަށާއި މާފިލާފުށީގެ މުހިންމު ތަންތަނަށްވެސް ވަނީ ޒިޔާރަތް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޅ. ފެލިވަރަށް ޒިޔާރަތްކުރައްވައި އެ ރަށުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހިންގާ މަސް ބަންދުކުރާ ކާރުޚާނާ ބައްލަވައިލެއްވުމާއި، އެ ރަށުގައި ބިނާކުރާ އައު ކޯލްޑް ސްޓޯރޭޖް ބިނާކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ބައްލަވައިލެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން ފެލިވަރުގައި ރައީސުލްޖުމްހޫރިއްޔާ ބައެއް މަސްވެރިންނާއި ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.