ވިޔަފާރި

އެމްޕީއެލްގެ ބައެއް މުވައްޒަފުންތަކެއް ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލައެއް ބަލަން ފަށައިފި


ކޯވިޑް-19 އާއި ގުޅިގެން، ފުރަބަންދުގައި އެމްޕީއެލްގެ ބައެއް މުވައްޒަފުންތަކެއް ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލައެއް ބަލަން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެމްޕީއެލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ކުންފުނީގެ އިންޓާރނަލް އޮޑިޓުން މިހާރު ވަނީ މިކަމާއި ގުޅޭ ރިޕޯޓެއް އެކުލަވާލާފައިކަމަށެވެ. އަދި މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ފާހަގަކުރެވުމާއެކު، އެ ކަންތައްތައް ބެލުމަށް ތަހުޤީގެއް ހިނގަމުން ދާކަމަށްވެސް އެމްޕީއެލުން ހާމަކުރެއެވެ.

އެމްޕީއެލުން ވިދާޅުވީ މި މައްސަލައާ ގުޅިގެން މި ކުންފުނިން ހިންގަމުންދާ ތަހުގީޤުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، މި ކަމުގައި ޝާމިލްވާކަމަށް ޝައްކުކުރެވޭ މުވައްޒަފުން މިހާރު ވަނީ ސަސްޕެންޑްކޮށް، މަސައްކަތުން އެކަހެރިކުރެވިފައި ކަމަށެވެ.

އަދި މި މައްސަލަ އާއި ގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި، މި މައްސަލަ އިތުރަށް ތަހުޤީގުކުރުމަށް، ފުލުހުންނާއި އޮޑިޓަރ ޖެނެރަލްގެ އޮފީސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެމްޕީއެލުން މިހާރު ވަނީ ހުށަހަޅައިފައެވެ.

ކޮރަޕްޝަންގެ މައްސަލަތަކަކީ، އެ ކުންފުނިން ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލަތަކެއް ކަމަށާއި އަދި މި ފަދަ އަމަލެއްގައި ޝާމިލްވާ މުވައްޒަފަކާއި މެދު، މި ކުންފުނިން ޤާނޫނާއި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް އެމްޕީއެލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ފާހަގަކުރެވިފައިވާ ކަންތައްތަކަށް ރިޔާއަތްކޮށް، މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިއުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެ ކުންފުނިން އަޅަމުންދާނެ ކަމަށްވެސް އެމްޕީއެލުން ހާމަކުރެއެވެ.