ވިޔަފާރި

ޓޫރިޒަމްގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހުތަކުން ފަތުރުވެރިކަމުގެ ނަފާ މުޅި ރާއްޖެއަށް


ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އެސަރަޙައްދުތަކުން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުގެ ކުލި ކުޑަކުރުމަށް ޓޫރިޒަމްގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހުތަކުގައި ހިމެނޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަދި ހުށަހަޅަން ގަސްދުކޮށްފައިވާ ބިލްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުން ގެނެސްދޭ ލެޖިސްލޭޓިވް އެޖެންޑާ ޕްރޮގްރާމްގައި ވާހަަކަދައްކަވަމުންނެވެ.

ޓޫރިޒަމްގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުގެ ކުލި ކުޑަކުރުމަށް ޓޫރިޒަމްގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހުތަކާއި އެކު އިންވެސްޓްކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ މިބަދަލާއި އެކު މާލެ ސަރަޙައްދުގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނުގެ ކުއްޔަށް ބަދަލެއް ނާންނާނެ ކަމަށާއި، އެގޮތުން މާލެ ސަަރަޙައްދުން 45 މިނެޓުން ސީޕްލޭންގައި ދަތުރުކުރެވޭ ހިސާބުތަކުގެ ބިމު ކުއްޔަށް ބަދަލެއް ނާންނާނެ ކަމަށެވެ.

" ބަދަލު މިއަންނަނީ އުތުރާއި ދެކުނުގައި، މި ބަދަލުތަކުގެ ސަބަބުން އިންވެސްޓުކުރުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ، ކުއްޔަށް ލުއި ލިއްބައިދޭއިރު، ރަށްރަށުގެ ތަންތަނުގެ ބިމުގެ ކުލި އަދި ޓޫރިސްޓު ރަށްރަށުން ކަނޑައަޅާ ކުއްޔަށްވުރެ 50 އިންސައްތަ ދަށްކުރާގޮތަށް ހުށަހަޅާފަމިއޮތީ،" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 85 ރަށް ތަރައްޤީނުކުރެވި އެބަ އޮތް ކަމަށެވެ. އަދި ޓޫރިޒަމާއިބެހޭ ޤާނޫނަށް ގެންނަ އިޞްލާޙު ތަކާއި އެކު މިރަށްތަށް ތަރައްޤީކުރުމުގެ މަސައްކަތް ހަލުއިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ މައުސޫމް ވިދާޅުވީ މި ބިލުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވާނީ ލާމަރުކަޒީ އުސޫލުން ލޯކަލް ކައުންސިލްތައް ފަތުރުވެރިކަމުގައި ހިއްސާވެ ބައިވެރިކުުރުން ކަމަށެވެ. އެގޮތުން ރަށްރަށުން ލޭންޑް ޔޫސްޕްލޭނުގައި ހިމަނައިގެން ފަތުރުވެރިކަމަށް ބިން ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މިއީ ވަރަށް ބޮޑު ކުރިއެރުމެއް، ކައުންސިލްތަކުގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑު ޒިންމާއެއް ވަރަށް ބޮޑު ބާރަކާއި އެކު މިލިބެނީ." މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖެއަށް އަންނަ ޔޮޓުތަކަށް ފަސޭހަކޮށްދިނުމަށް ކުދި ޔޮޓްތަކުން ނަގާ ފީ ކަނޑާލުމަށް ވެސް ހަމަޖެހިފައިވާކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ. އަދި މިއާއެކު ރާއްޖެއަށް އަންނަ 15 މީޓަރަށްވުރެ ކުދި ޔޮޓުފަހަރުތަކުން ފީއެއް ނުނަގާނެ ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ޖުމްލަ 20 އިޞްލާހެއް ހިމެނޭ މިބިލުގައި ސަރުކާރުން ހުށައަޅާފައިވަ އިޞްލާޙުތަކުގެ ތެރޭގައި ޕްރައިވެޓް އައިލެންޑް ތަރައްގީ ކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ވަނީ ހިމަނާފައެވެ. އަދި ގެސްޓް ހައުސް ފަދަ ތަންތަނުން ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިން ވިއްކައިގެންވެސް ޢާމްދަނީ އިތުރުކުރުމަށް ވަނީ ހިމަނާފައެވެ.