ޚަބަރު

ސިފައިންގެ ޚިދުމަތަކީ ރަންރިއްސާއި ޖަވާހިރާއި، މުދަލުން އަގުކުރެވޭނެ އެއްޗެއް ނޫން - ރައީސް


ސިފައިންގެ މީހެއްގެ ގޮތުގައި ޤައުމަށް ކޮށްދޭ ތެދުވެރި ޚިދުމަތަކީ، ރަންރިއްސާއި ޖަވާހިރާއި ފައިސާއާއި މުދަލުން އަގުކުރެވޭނެ އެއްޗެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށް ސިފައިންގެ ޚިދުމަތާއި އަލަށް ގުޅުނު ސިފައިންނަށް ބަޑިހަވާލު ކުރުމާއި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ ސިފައިންގެ ޚިދުމަތުގައި، ދީނާއި ޤައުމަށްޓަކައި ޤުރުބާންވެގެންދާ މުޖާހިދުންގެ ޚިދުމަތަކީ، މިދުނިޔެމަތީގައި އެއްވެސް ގޮތަކުން އަގުކުރެވޭ ވަރަށްވުރެ މާމަތިވެރި އަދި އެހާމެ މާތް ޚިދުމަތެއްކަމަށެވެ.

އެފަދަ ޤައުމީ ބަޠަލުންގެ ޒިކުރާ އާކުރެވޭ ކޮންމެ ފަހަރަކުވެސް، ހިތްތަކަށް ލިބޭ އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުމަކީ، މިރާއްޖޭގެ ދިފާޢުގައި، ދިވެހި ދަރިންގެ ޙައްޤުގައި، ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ތައްޔާރަށް އޮތް، ޤާބިލް ޢަސްކަރީ ފައުޖެއް، މިއަދުވެސް މިރާއްޖޭގައި ޤާއިމުވެފައި އޮތުމުގެ ހިތްހަމަޖެހުން ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ސިފައިން ޤާބިލްކަން އިތުރުކޮށް، ސިފައިންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ސަރުކާރުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސިފައިންގެ ޚިދުމަތަކީ ޢަސްކަރީ ޚިދުމަތަކަށް ވިޔަސް، މަދަނީ އަދި އިޖްތިމާޢީ ވަރަށް ގިނަ ވާޖިބުތަކެއް ވެސް ސިފައިންގެ ޚިދުމަތާއި ލާމެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އުދައެރުމާއި، އަލިފާނުގެ ހާދިސާތަކާއި، ވާރޭވެހި ފެންބޮޑުވުމާއި، ކަނޑުމަތީގެ ހާދިސާތަކުގައިވިޔަސް، އެންމެ ފުރަތަމަ ރައްޔިތުންނަށް އެހީވާން ނުކުންނަ އެއް ބަޔަކީ ދިވެހި ސިފައިން. ދިވެހި މަސްކަނޑުތައް ޙިމާޔަތްކުރުމުގައިވެސް، ދިވެހި ސިފައިން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް." ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ޢަސްކަރިއްޔާއަކީ، ވަފާތެރިކަމާއި ތެދުވެރިކަމުގައި ދެމިއޮތް، 128 އަހަރުގެ ފަޚުރުވެރި މާޒީއެއްގެ މަތީގައި ބިނާވެފައިވާ މުއައްސަސާއެއްކަމަށެވެ. އަދި ޤައުމުގެ ނަން ކިލަނބުކޮށްލަން، ޣައްދާރުވެރިން ރޭވި ހުރިހާ ރޭވުންތަކެއް ނާކާމިޔާބުކޮށްލީ، ސިފައިންގެ މުއައްސަސާއިން އުފެއްދި ޤައުމީ ބަޠަލުންކަަމަށާއި އެހެންކަމުން ސިފައިންނަކީ، ފަޚުރުވެރި ދިވެހި ޢަސްކަރިއްޔާގެ ޝަރަފާއި ޢިއްޒަތް ދަމަހައްޓާނެ ސިފައިންކަމާ މެދަކު ޝައްކެއް ނެތްކަމުގައިވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޮންމެ މީހެއްގެ ކިބައިގައި، އަޚްލާޤީ އަދި ޤައުމީ ވަރަށް މުހިންމު ތިން ސިފައެއް އަބަދުވެސް ހަރުލާފައި ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އެންމެ ފުރަތަމަ ސިފައަކީ، އިސްލާމީ އަޤީދާގައި، ޢަމަލާއި ބަހުން ސާބިތުވެ ހުރުން. ދެ ވަނަ ކަމަކީ، ކޮންމެ ޙާލަތެއްގައިވެސް، ޤައުމީ ޚިދުމަތުގައި ތިމާގެ އަމިއްލަ ނަފުސަށްވުރެ ދިވެހި ޤައުމު އިސްކުރުން. ތިން ވަނަ ސިފައަކީ، އެއިރެއްގައި ރައްޔިތުން ޤާއިމުކޮށްފައި އޮންނަ ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުން" ރައީސް ޞާލިހު ވިދާޅުވިއެވެއެވެ.

މިއަދުގެ އެންމެ ބޮޑު ގޮންޖެހުމަކީ، ތަފާތު ބާވަތްތަކުގެ ޓެރަރިޒަމްގެ ޢަމަލުތައް ކަން ފާހަގަކުރައްވަމުން ރައީސް ޞާލިހު ވިދާޅުވީ ބައިނަލްއަޤްވާމީ ޞުލްޙަޔަށްވެސް، މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ޓެރަރިޒަމްކަމަށެވެ. އަދި ސިފައިން ޙާޞިލްކުރި ޢިލްމާއި ހޯދި ތަމްރީނަކީ، ޓެރަރިޒަމް ފަދަ ނާތަހުޒީބު ވިސްނުންތަކުން ދުރުހެލިވެ، ޞުލްޙަވެރި މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިކުރާނެ ޢިލްމާއި ތަމްރީންތަކެއްކަން ޔަޤީން ކުރައްވާކަމަށްވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.