ޚަބަރު

ވާހަކަ ދެއްކުމާއި މުވާޞަލާތުކުރުމުގެ ދަތިކަން ހުންނަ ކުދިން ދެނެގަތުމުގެ ކޭމްޕެއް ބާއްވަނީ


ވާހަކަ ދެއްކުމާއި މުވާޞަލާތުކުރުމުގައި ދަތިކަން ހުންނަ ކުދިން ދެނެގަތުމުގެ ކޭމްޕެއް ބޭއްވުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ތައްޔާރުވެއްޖެއެވެ.

އެހޮސްޕިޓަލުން މައުލޫމާތު ދެއްވިގޮތުގައި މި ކޭމްޕަކީ، އެ ހޮސްޕިޓަލްގެ ސްޕީޗް ތެރަޕީ ޑިޕާރޓްމަންޓުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކޭމްޕެކެވެ.

މިފެށޭ ޑިސެމްބަރު މަހުގެ 6 އިން 12 އަށް އެ ހޮސްޕިޓަލްގައި ބޭއްވުމަށް ނިންމާފައިވާ މިކޭމްޕް އަމާޒު ކުރެވިފައި ވަނީ އުމުރުން 3 އަހަރާއި 12 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށެވެ.

މި ކޭމްޕްގައި ކުރިއަށް ގެންދެވޭނެ ބައިތަކުގެ ތެރޭގައި ދަސްކުރުމާއި، އުނގެނުމަށް ދަތިވުން، ވާހަކަ ދެއްކުން ލަސްވުން، އާގަތުމާއި ވާހަކަދެއްކުމުގެ ދަތިތައް ހުރުން އަދި އަކުރު އަދި ބަސްކިޔުމުގެ އުނދަގޫވުން ފަދަ ކަންކަން ދެނެގަނެވިގެންދާނެ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއްވިއެވެ.

މި ކޭމްޕްގައި ބައިވެރިވުމަށް، ބޭނުންވާ ފަރާތްތަކުން މި ކޭމްޕް ކުރިއަށް ގެންދަން ނިންމާފައިވާ ތާރީޚް ކަމަށްވާ އަންނަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުން 12 ވަނަ ދުވަހަށް، އެދުވަސްތަކުގެ ހެނދުނު 09 އިން މެންދުރު 12 އަށް، އުފަންހިޔާގެ ފުރަތަމަ ފަންގިފިލާ އަށް ދިޔުމުން ކޭމްޕްގައި ބައިވެރިވެވޭނެ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސްޕީޗް ތެރަޕީގެ ހިދުމަތް ފަށާފައިވަނީ މިއަހަރުގެ މާރޗް މަހުގައެވެ.