ޓެކްނޮލޮޖީ

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް މީޑިއާނެޓްގެ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗް.ޑީ.ސީން ޤާއިމުކުރާ "އޯޕަން އެކްސެސް ނެޓްވޯކް"ގެ ޚިދުމަތް ބޭނުންކުރުމާގުޅޭގޮތުން މީޑިއާނެޓާއެކު އެޗް.ޑީ.ސީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޗް.ޑީ.ސީގެ އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޢާތިފެވެ. މީޑިއާނެޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަޙްމަދު ނަބާހުއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެޗް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޢާތިފު ވިދާޅުވީ، ޑިވެލޮޕްމަންޓް ކޯޕަރޭޝަނެއްގެ ހައިސިއްޔަތުން އިންފްރާސްޓްރަކްޗަރ މެދުވެރިކޮށް ޚިދުމަތްތަކުގެ އަގުތައް ކުރިއަށްއޮތްތާނގައި ކުޑަކޮށްދިނުމަކީ އެކޯޕަރޭޝަންގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އަދި އަލަށް ޤާއިމުކުރާ "އޯޕަން އެކްސެސް ނެޓްވޯކް"އާއެކު މިހާރު ޚިދުމަތްދޭ ފަރާތަށާއި، އަލަށް މި ވިޔަފާރިއަށް ވަންނަ ފަރާތްތަކަށްވެސް އެ ފުރުޞަތު ފަހިވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ ސަރުކާރުގެވެސް ވަރަށް ބޮޑު އަމާޒެއް. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް މިހާރު އެ ޚިދުމަތް ދިނުމަށްހުރި ގޮންޖެހުންތަކަށް ލުއިތަކެއް ހޯދައިދިނުން. އެގޮތުން މި ވިޔަފާރިއަށް ވަންނަން ބޭނުންވާ ބެރިއަރ އޮފް އެންޓްރީގައި ހިނގާ އިންފްރާސްޓްރަކްޗަރ ކޯސްޓްއަށް ލުއިތަކެއް ލިބިގެންދާނެ މި ނެޓްވޯކުގެ ސަބަބުން" އަޙްމަދު ޢާތިފު ވިދާޅުވިއެވެ.

މީޑިއާނެޓްގެ ފަރާތުން ވާހަކަދައްކަވަމުން އެކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަޙްމަދު ނަބާހު ވިދާޅުވީ އެއް ވިއުގައެއްގެ ތެރެއިން ނެޓްވޯކް ޝެއަރ ކުރުމަކީ އެކުންފުނިންވެސް ވަރަށް ތަރުހީބުދޭ ކަމެއްކަމަށާއި، މިއީ ކާމިޔާބު މޮޑަލެއްކަމަށެވެ. އަދި އެޗް.ޑީ.ސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ އެކުންފުނީގެވެސް ވަރަށް އުއްމީދީ މަޝްރޫޢެއްކަމަށް ނަބާހު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް އެންކަރޭޖްކުރާ މޮޑެލްއެއް މިއީ އޯޕަން އެކްސެސް ނެޓްވޯކުން ނުވަތަ ނެޓްވޯކު ޝެއަރކުރުމުގެ މޮޑެލްއަކީ. އެއީ އަޅުގަނޑުމެންގެ ޚިދުމަތްތައް މީގެ ދެތިން އަހަރުކުރިން މުޅި ރާއްޖެއަށް ފުޅާކުރުމުގެ ބޭނުމުގައި ރަށްރަށުގެ އޯނަރުންނާއެކީގައި އަޅުގަނޑުމެން މިދަނީ ހަމަ ސޭމް ކޮންސެޕްޓަށް ފޮލޯކުރަމުން. އެހެންވީމަ 200 އަށްވުރެ ގިނަ ބިޒްނަސް ޕާޓްނަރުންނާއެކީގައި ވަރަށް ސަކްސެސްފުލް މޮޑެލްއެކޭ އަޅުގަނޑުމެންނަށް ދެންނެވޭނީ މިހާ ހިސާބަށް ކުރެވުނު އެކްސްޕީރިއަންސާއެކީގައި ބުނެވޭނީ" އަޙްމަދު ނަބާހު ވިދާޅުވިއެވެ.

މީޑިއާނެޓާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން އެޗް.ޑީ.ސީގެ "އޯޕަން އެކްސެސް ނެޓްވޯކް" މެދުވެރިކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް މީޑިއާނެޓް ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އެގޮތުން މީޑިއާނެޓްގެ ޚިދުމަތްތައް "ހިޔާ" މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 7000 ފްލެޓަށް ފޯރުކޮށްދިނުމަށް މި އެއްބަސްވުމުގެ ދަށުން ޚާއްސަ އިސްކަމެއްދީގެން އަމާޒުކުރެވިފައިވާނެކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.

"އޯޕަން އެކްސެސް ނެޓްވޯކް"އަކީ ހުޅުމާލޭ "ސްމާޓް ސިޓީ" މަޝްރޫޢުގެ މައިގަނޑު ބިންގާގެގޮތުގައި އެޗް.ޑީ.ސީން ފާހަގަކުރައްވައެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހުރިހާ ޢިމާރާތްތައް މުވާޞަލާތީ ވިއުގައަކުން ގުޅާލުމަށްޓަކާ މައިގަނޑު އެއް އިންފްރާސްޓްރަކްޗަރ މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވިގެންދާނެކަމަށްވެސް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އަދި މި އިންފްރާސްޓްރަކްޗަރގައި އެކުލެވޭ ފައިބަރ ވިއުގަ މެދުވެރިކޮށް ހުޅުމާލޭގައި މުވާޞަލާތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލުއިފަސޭހަގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. މިމަޝްރޫޢުގެ ސަބަބުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށްވެސް އެކޯޕަރޭޝަނުން ހާމަކުރައްވާފައިވެއެވެ.