ޚަބަރު

ހުރިހާ ކުދިން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު އިފްތިތާހްކޮށްފި


ހުރިހާ ކުދިން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތާއި ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި ވެބްސައިޓު އިފްތިތާޙުކޮށްފިއެވެ.

މިއީ "ތަޢުލީމީ ޤާނޫނުގައި" ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް އެކުލަވާލާފައިވާ "ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު" އަދި ސްޓްރެޓެޖިކް އެކްޝަން ޕްލޭނެވެ. އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި މި ސިޔާސަތާއި އެކްޝަން ޕްލޭން އަދި ވެބްސައިޓް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު ޢަލީއެވެ.

މި ސިޔާސަތު އެކުލަވާލައިފައިވަނީ "ތަޢުލީމީ ޤާނޫނުގައި" ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ބައިނަލްއަޤުވާމީ މުޙާހަދާތަކަށް ރިޢާޔަތް ކުރުމާއެކު ޔުނެސްކޯގެ އިންކުލޫސިވް އެޑިޔުކޭޝަން ފުރޭމްވޯކްގައިވެސް ހިމަނާފައިވާ ކަންކަމަށް ރިއާޔަތް ކޮށްގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ސިޔާސަތުގައި ފާހަގަކުރެވޭ އެންމެ މުހިންމު ބައިތަކަކީ ޅަފަތުގެ ތަޢުލީމާއި ތަރުބިޔަތަށް ޚާއްޞަ ސަމާލުކަމެއް ދީފައިވުމާއި، ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމާއި، މުޅި ސްކޫލު މިކަމުގައި ޝާމިލުކުރުވުމެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާނީ ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަނުން 2021 ން 2025 ށް ކުރިއަށް ގެންދަން ޖެހޭ ޙަރަކާތްތަކާއި އެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ތަރުތީބު ކުރާނޭ މައިގަނޑު ކަންކަމަށެވެ. އަދި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަންގެ ވެބްސައިޓު މެދުވެރިކޮށް އިންކުލޫސިވް އެޑިޔުކޭޝަން އާގުޅޭ ގޮތުން ސްކޫލުތަކާއި ބެލެނިވެރިންނާއި ދަރިވަރުންނަށް ކަމާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ލިބޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.