ޚަބަރު

އަފްޣާނިސްތާނަށް 12 ބިލިއަން ޑޮލަރުގެ އެހީތެރިކަން ދިނުމަށް ވަޢުދުވެއްޖެ


ނޮވެމްބަރު މަހުގެ 24ވަނަ ދުވަހު ބޭއްވި ޚާއްޞަ ކޮންފަރަންސެއްގައި ކުރިއަށްއޮތް ހަތަރު އަހަރުގެ ތެރޭގައި އަފްޣާނިސްތާނަށް 12 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ދިނުމަށް ޤައުމުތަކުން ވަޢުދުވެއްޖެއެވެ. އަފްޣާނިސްތާނުގެ ރައްޔިތުންނަށް 12 ބިލިއަން އެމެރިކާ ޑޮލަރު އެހީގެ ގޮތުގައި ދިނުމަށް ޤައުމުތަކުން ނިންމާފައިވަނީ ޝަރުތުތަކަކާއިއެކުގައިއެވެ. އެގޮތުން، އިންސާނީ ހައްޤުތައް ރައްކާތެރިކުރުމާއި އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމްކުރުމާއިގުޅޭގޮތުން ކުރަމުންދާ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ޙާޞިލްކުރުން ހިމެނެއެވެ.

ފައިސާއެއްކުރުމުގެ ކޮންފަރެންސް އިންތިޒާމްކުރުމުގައި އިސްކޮށް ބައިވެރިވި ފިންލޭންޑުގެ ވަޒީރެއްކަމަށްވާ ވިލޭ ސްކިނާރީ ވިލާޅުވީ ކުރިއަށް އޮތް އަހަރަށް ތިން ބިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ޤައުމުތަކުން ހުށަހަޅާފައިވާކަމަށެވެ. 2024ވަނަ އަހަރާއިހަމައަށް ހަމަ އެ ޢަދަދާއި ގާތްކުރާ ޢަދަދަށް ކޮންމެ އަހަރަކުވެސް އެހީތެރިކަން ލިބޭނެކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 12 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެ ޢަދަދަކީ 2016ވަނަ އަހަރުގައި ހަތަރު އަހަރަށް ލިބޭނެކަމަށް ވަޢުދުވި 15.2 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށް ޢަދަދެކެވެ.

ބައެއް ޤައުމުތަކުން އެހީތެރިކަން ދިނުމަށް ގިނަ ޝަރުތުތަކެއްކޮށްފައިވާއިރު އަނެއްބައި ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. ޚާރިޖީ ފަރާތްތަކުން ބުނީ އަފްޣާނިސްތާނަށް ދޭ އެހީތެރިކަން ވަކި ކަންތައްތަކެއްގެ މައްޗަށް ޝަރުތުކުރުމަކީ އެ ޤައުމުގައި ދާއިމީ ގޮތަކަށް ޞުލްޙަ ޤާއިމްކުރުމަށް މުހިންމުކަންދޭ މިންވަރު އިތުރުވާނެކަމެއްކަމަށެވެ.

ފާއިތުވި އަހަރުތަކުގައި އެހީތެރިކަމުގެ ގޮތުގައި އަފްޣާނިސްތާނަށް 800 މިލިއަނެއްހާ އެމެރިކާ ޑޮލަރުގެ އެހީ ދީފައިވާ އެމެރިކާއިން ކުރިއަށް އޮތް އަހަރަށް 600 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށްވަނީ ނިންމާފައެވެ. ފުރަތަމަ 300 މިލިއަންގެ އެހީތެރިކަން ދިނުމަށްފަހު ޞުލްޙައިގެ މަޝްވަރާތައް ކުރިއަށްދާގޮތަށް ބަލައި އިތުރު 300 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެމެރިކާއިން ބުންޏެވެ. އެ ޤައުމުގެ އަންޑަ ސެކެޓްރީ އޮފް ޕޮލިޓިކަލް އެފެއާސް، ޑޭވިޑް ހޭލް ވިދާޅުވީ އަފްޣާނިސްތާނަށް އެހީތެރިވުމަށް އެ ޤައުމުން ތައްޔާރަށް އޮތްކަމަށެވެ.

ބޮޑެތި ޢަދަދުތަކުން އެހީތެރިކަން ފޯރުކޮށްދޭ ޖަރުމަނުވިލާތުންވަނީ ކުރިއަށްއޮތް އަހަރަށް 430 މިލިއަން ޔޫރޯ (510 މިލިއަން އެމެރިކާ ޑޮލަރު)ގެ އެހީތެރިކަން އަފްޣާނިސްތާނަށް ފޯރުކޮށްދިނުމަށް ވަޢުދުވެފައެވެ. 2024ވަނަ އަހަރާއިހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އިޝާރާތްކޮށް ޖަރުމަނުވިލާތުންވެސްވަނީ އަފްޣާނިސްތާނުގައި ފާއިތުވި 20 އަހަރު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް ޞުލްޙަ ޤާއިމްކުރުމަށް ގޮވައިލައިފައެވެ. ވިލާތުގެ އިއްތިޙާދުންވެސްވަނީ 1.2 ބިލިއަން ޔޫރޯ (1.43 ބިލިއަން އެމެރިކާ ޑޮލަރު) ހަތަރު އަހަރު ދުވަހުގެ ތެރޭގައި އަފްޣާނިސްތާނަށް ފޯރުކޮށްދޭނެކަމަށް ބުނެފައެވެ. ނަމަވެސް އެ އެހީ ދޭނީ ވަކި ޝަރުތުތަކެއްގެ މަތިންކަމަށް ވިލާތުގެ އިއްތިޙާދުންވެސްވަނީ ބުނެފައެވެ.

އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމްކުރުމާއިގުޅޭ މަޝްވަރާތައް މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ޤަތަރުގެ ދައުހާގައިވަނީ ފެށިފައެވެ. އެ މަޝްވަރާތަކުން ކުރިއެރުމެއް ނުލިބި ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވާ ދަނޑިވަޅެއްގައި އަފްޣާނިސްތާނުގައި ހިންގާ ހަމަނުޖެހުންތައްދަނީ އިތުރުވަމުންނެވެ. ނަމަވެސް ހޭލް ވިދާޅުވީ މަޝްވަރާތަކުގައި މުހިންމު ކުރިއެރުންތައް ލިބިފައިވާކަމަށެވެ. އެގޮތުން މަޝްވަރާކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ހިމަނައި ނުރަސްމީ އެއްބަސްވުމެއް އެކުލަވާލާފައިވާކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން ސުލްޙައިގެ މަޝްވަރާތަކުގެ އައު މަރުޚަލާއެއް ފެށުމަށް އެހީތެރިވެދޭނެކަމަށެވެ.