ޖަރުމަނިވިލާތުގެ ޗާންސެލަރު އަންގެލާ މާކެލްގެ ރަސްމީ އިދާރާގެ ގޭޓަށް ކާރެއް އަރައިފިއެވެ.
ސިޔާސީ މެސެޖުތަކެއް ލިޔެފައިވާ އެ ކާރު ގޭޓުގައި ޖައްސާފައިވަނީ ގަސްދުގައިތޯ ޔަޤީންކުރުމަށް ކާރު ދުއްވަން އިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ބާލިންގެ ފުލުހުންގެ އިދާރާއިން ބުންޏެވެ. މެދު އުމުރުގެ އެ މީހާ ހާދިޘާ ހިންގި ސަރަޙައްދުން ގެންގޮސްފައިވަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.
އެ ހާދިޘާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމެއް އެނގިފައެއް ނުވެއެވެ. ހާދިޘާ ހިންގި ވަގުތުގައި ޗާންސެލަރު މާކެލް ހުންނެވީ އިމަރާތުގެ އެތެރޭގައިކަމެއް ސާފެއް ނުވެއެވެ. ގޭޓަށް އެރި ކާރު މިހާރުވަނީ އެ ސަރަޙައްދުން ގެންގޮސްފައެވެ. ކާރަށްވެސް އަދި ގޭޓަށްވެސް މާ ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް ފާހަގަވެފައެއް ނުވެއެވެ.
ޖަރުމަނުވިލާތުގެ ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި ތަރުޖަމާނަކު ވިދާޅުވީ ޗާންސެލަރު މާކެލްއަށާއި އެކަމަނާގެ ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެންބަރަކަށް ހާދިޘާގެ ސަބަބުން ގެއްލުމަށް ހުށަހެޅިފައިނުވާކަމަށެވެ.